ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫއުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަޝްރޫއު އެއްކޮށް ނިންމައި ހަވާލުކުރުން ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހިނގާ އޮކްޓޫބަރު މަހުގެ 29 ގައި ހުށަހެޅުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވާ، ރައީސް ވާހަކަފުޅު ދައްކަވާފައި މިވަނީ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެންކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދުގެ ސަރުކާރުން ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތީ ޑިފޯލްޓްވުން، ނުވަތަ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށާއި، ފުރަތަމަ އިސްކަން ދެއްވީ އެކަމުން ގައުމު ސަލާމަތްކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން، މިއަހަރު ފެށިގެން އައިއިރު ރެކޯޑް މިންވަރަކަށް ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް އިތުރުކުރެވިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމާއި، ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަންވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއެއްގެ ސަބަބުން ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެކަމުގައި ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ބޯހިޔާވަހިކަމުގެ މަޝްރޫއަކީވެސް މިފަދަ ގޮތަކަށް ކުރިއަށްގެންދެވޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ރަސްމާލެ މަޝްރޫއަށް ގެންނަ އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، އެ މަސައްކަތް ކުރިއަށްގެންދަނީ ފިއުޗާ ރެވެނިއު (މުސްތަގުބަލުގައި ލިބޭނެ އާމްދަނީ) އިން ކެނޑޭ ގޮތަށް ކަމަށްވާތީ، ދައުލަތުގެ ބަޖެޓަށް އޭގެ ސަބަބުން ބުރައެއް އުފުލަން ނުޖެހޭނެކަންވެސް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
ބޭރު ދުނިޔޭގެ މަސްރަހުގައި ހިނގާ ކަންކަމުން އިގްތިސާދަށް ކުރާ އަސަރުތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓެކްސް އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ކަންކަން މެނޭޖްކޮށްގެން ބަޖެޓުގެ ތެރެއިން މަޝްރޫއުތައް ކުރިއަށްގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.