ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތް ކޮއްދެއްވި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދިޔަ ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޙިލްމީ ވަނީ ޤައުމުގެ އަސްކަރިއްޔާއަށް މި ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އައިސްފައިވާ ކުރިއެރުންތައް ހިއްސާކުރައްވާފައެވެ. އަދި އަސްކަރިއްޔާއަށް އައި އެންމެ ބޮޑު ތަރައްގީއެއް އައިސްފައި ވަނީ މި ދައުރުގައި ކަންވެސް ޙިލްމީ ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމަށާއި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާ ތަރައްގީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ޙިލްމީ ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ޔޫއޭވީތައް ހޯއްދަވައި އެއަރކޯ އުފައްދަވާފައިވާ ކަމަށާއި އައްޑޫ ގަމުގައި އެމްއެންޑީއެފްގެ އެއަރ ސްޓޭޝަނެއް ގާއިމުކޮށް، ށ. ފުނަދޫގައި އެއަރސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ. ކުރިޔަށް އޮތް ދުވަސް ތަކުގައި ވައިގެ އިތުރު ގާބިލުކަން ރައީސް ހޯއްދަވައިދެއްވާނެ ކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ.
ދިވެހި ކޯސްޓްގާޑުގެ ފްލީޓް ބޮޑުކުރުމަށްޓަކައި ތުރުކީ ވިލާތުގެ ނޭވީ މަނަވަރަކާއި އޮސްޓްރޭލިއާގެ މަނަވަރެއް ރައީސް ހޯއްދަވައިދެއްވާފައިވާ ކަމަށާއި އެމަނިކުފާނު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވި 20 އިންޓަސެޕްޓަރ ބޯޓުގެ ތެރެއިން 5 ބޯޓު ލިބިފައިވާ ކަމަށްވެސް ޙިލްމީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސީ އެމްބިއުލާންސް ފްލީޓަށް 12 އުޅަނދު އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހޭ އުޅަނދުފަހަރާއި މީހުން ސަލާމަތްކުރުމުގެ ނިޒާމު ހަރުދަނާކޮށް އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތްދިނުމަށްޓަކައި ވިލިމާލޭގައި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކޮށްދެއްވާފައިވާކަންވެސް ޙިލްމީ ފާހަގަކުރެއްވިއެވެ.
ފަޔަރ އެންޑް ރެސްކިޔު ސަރވިސް ތަރައްގީކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ފަށާފައިވާއިރު އދ. މާމިގިލީގައި ފަޔަރ ސްޓޭޝަނެއް ގާއިމުކޮށްދެއްވައި ކ. މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފައްޓަވާދެއްވާފައިވާކަަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އަތޮޅުތަކުގައި ފަޔަރ ސްޓޭޝަން ގާއިމުކޮށް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަކީ ރައީސްގެ ތަސައްވުރުކަންވެސް ޙިލްމީ ފާހަގަކުރެއްވިއެވެ.
"މިއީ ސިފައިން ތަރައްގީކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ރިޔާސީ ދައުރު ކަމުގައި މިދަންނަވަނީ ޝުކުރުވެރިކަމާއެކު. މިއީ އަޅުގަނޑެކޭ އެއްފަދައިން ކޮންމެ ސިފައިންގެ މީހެއްގެވެސް އިހުސާސް. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދިފާޢީ އަދި އަސްކަރީ ސިޔާސަތު ބިނާވެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމަށާއި ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމަށް ކަމުގައިވާތީ މިކަން ހާސިލް ކުރުމުގައި ދިވެހި އަސްކަރިއްޔާ ކޮންމެހެން ބޭނުންވެފައިވާ ގާބިލުކަން ހޯއްދަވައިދެއްވައި އިންސާނީ ވަސީލަތްތައް ތަރައްގީކޮށްދެއްވާ ދިވެހި އަސްކަރިއްޔާގެ ހުރިހާ ދާއިރާއެއްވެސް ތަރައްގީކޮށްދެއްވާތީ އެމަނިކުފާނަށް ޝުކުރު އަރިސްކުރަން،" ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ ވިދާޅުވިއެވެ.
އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ ތެރެއިން ސިފައިންގެ ސަރވިސް ކޯގެ ގާބިލުކަން އިތުރުކޮށްދެއްވައި ތަމްރީން އިންފްރާސްތްރަކްޗަރ އިތުރުކުރުމަށް ޅ. މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރ، ބ. ކިހާދޫގައި ލޮޖިސްޓިކްސް ސްކޫލް އަދި ސ. ގަމާއި ލ. ކައްދޫގައި ހުންނަ ސިފައިންގެ ތަމްރީނު މަރުކަޒުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ޙިލްމީ ވިދާޅުވިއެވެ. އަދި ގިރިފުށިގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވައި ބިމުގެ ސައިޒް 3 ގުނަ ބޮޑު ކޮށްދެއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މަޤާމާ ހަވާލުވެވަޑައިގެން ދިވެހި ސިފައިންގެ އަދަދު އިތުރުކޮށްދެއްވާފައިވާ ކަމަށާއި މިހާތަނަށް 806 ޒުވާނުންނަށް ސިފައިންގެ ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވާފައިވާކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ. އަދި ސިފައިން ދިރިއުޅޭ މަރުކަޒުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތައްވެސް ކޮށްދެއްވަމުން ގެންދާކަން ޙިލްމީ ފާހަގަކުރެއްވިއެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.