ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ބޭއްވި ދިދަޖެހުމާއި ގާޑު މައުންޓް ކުރުމުގެ ހާއްސަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދުގައި އޮތް މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން އެ މައިދާނުން އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ، މިނިސްޓަރ އޮފް ޑިފެންސް ޙަސަން ރަޝީދެވެ.
މި ރަސްމިއްޔާތުގައި ސިފައިންގެ ލަޝްކަރަކުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި ހަނދާނީ ބިނާގައި ދިދަ ނެގުމާއި ގާޑު ބަދަލުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ބަތަލުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވެސް ގެނައެވެ.
ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ސިފައިންގެ އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގެ އިތުރުން، މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ މިއަދު ފަތިހު އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ. އެ ނަމާދުގެ ޖަމާއަތުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.