ޔުނެސްކޯގެ ބައިނަލްއަގުވާމީ ދެ މުއާހަދާއެއް ކަމަށްވާ "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" (ޓޯކިޔޯ ކޮންވެންޝަން) އާއި "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި މަހުގެ 1 ވީ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. މިއީ ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި ދެ މުއާހަދާގައި ބައިވެރިވުމާ ގުޅޭގޮތުން ޔުނެސްކޯއިން ވަނީ ގައުމީ ފެންވަރުގެ އެސެސްމަންޓެއް ހަދާފައެވެ. އަދި ޔުނެސްކޯއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގުޅިގެން ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ފޯކަސް ގްރޫޕް ބައްދަލުވުންތަކެއް ވެސް ވަނީ ބާއްވާފައެވެ.
ޔުނެސްކޯގެ އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މުއާހަދާތަކުގައި ބައިވެރިވުމުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ދަރިވަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުން ރާއްޖެ އައުމަށާއި، ރާއްޖޭގެ ދަރިވަރުން ބޭރު ގައުމުތަކުން މަތީ ތައުލީމު ހާސިލުކުރުމަށްފަހު އެ ސަނަދުތަކާއެކު ރާއްޖެ އައުމަށް ވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.