ރަޝިޔާގެ އެއާލައިނެއް ކަމައްވާ އެސް ސެވަންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

މި އެއާލައިނަކީ މޮސްކޯ ނޫން ރަޝިޔާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ދަތުރުފެށި އެންމެ ފުރަތަމަ އެއާލައިނެވެ. މި އެއާލައިންގެ ދަތުރުތައް ކުރެވެނީ ރަޝިޔާގެ ނޯވޯސިބިއެސްކްއިން ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. 10 ގަޑިއިރު ހޭދަވާ މި ދަތުރުގެ ފުރަތަމަ ފްލައި ރާއްޖެއަށް ކޮއްފައި ވަނީ މި ހުކުރު ދުވަހުއެވެ.

މި އެއާލައިންގެ ދަތުރުތައް ފެށުން ފާހަގަކޮށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ ފަސިންޖަަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެސް ސެވަން އެއާލައިނުން ރާއްޖެއަށް ދަތުރުކުރި ފަސިންޖަރުންނަށް ވީއައިއޭއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި ފޮޓޯ: ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 2 ދުވަހެވެ. އެއީ ހޯމަ އަދި ހުކުރު ދުވަހެވެ. ފިނިމޫސުމާ ދިމާކޮށް ފެށި މި ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓު ތަކެކެވެ.

މި ދަތުރުތަކަށް މަގުފަހިވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު، މުޙައްމަދު އަމީން ރަޝިޔާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. މިއަހަރުގެ ފަހު ކުއާޓަރގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރަޝިޔާއަކީ ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 229،200 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 15 އިންސައްތައެވެ.