އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު ދައުރުނުކުރުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަކީ އާއިލާއާއި މުޖުތަމައު އަދި ދައުލަތުގެ ފަރާތުން ހާއްސަ ރައްކާތެރިކަމެއް ލިބެންޖެހޭ ބައެއް ކަމަށެވެ. ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފަށް، ކުދިންގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާ އާއި އެކި މަންސަތަކުގައި އާންމުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއާ ހަވާލާދީ މިނިސްޓްރީން ބުނީ، ކުށުގެ ޝިކާރައަކަށްވާ ކުދިންނާއި ކުށުގެ ތުހުމަތުކުރެވޭ ކުދިންގެ އިތުރުން ރައްކާތެރިކަން ބޭނުންވާ ކުދިން ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ. އެގޮތުން ކުއްޖާގެ ނަމާއި، އެޑްރެސް އަދި ތައުލީމު ހާސިލުކުރާ ތަން ފަދަ ވަނަވަރު ހާމަކުރުމަކީ ކުއްޖާގެ ހައްގަށް އަރައިގަތުން ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން، އެއްވެސް ބޭނުމެއްގައި ނުވަތަ އާންމުންގެ ވިސްނުމަށް ނުފޫޒު ފޯރުވުމަށް ވިޔަސް، ކުއްޖާގެ ކަރާމާތް ގެއްލޭ ގޮތަށް މައުލޫމާތު ފެތުރުމަކީ ބޮޑު ކުށެއް ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
އެހެންކަމުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއަކަށް ވާތީ، އެފަދަ އެއްވެސް މައުލޫމާތެއް އާންމުނުކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.