ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ނަގޫރޯޅި އަރާ ގެއްލުންވެފައި ވަނީ ޅައިމަގު ކައުންސިލް އިދާރާ އަށާއި މީހުން ދިރިއުޅޭ ބައެއް ގޭގެއަށެވެ. މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އެ މީހާއަށް މިހާރު ވަނީ ފަރުވާދެވިފައެވެ.

މި ކަމާ ގުޅިގެން ފުލުހުން އެކްސް ގައި ކޮއްފައިވާ ޕޯސްޓަކުން ހާމަވާގޮތުގައި، ކައުންސިލް އިދާރާގެ އިތުރުން ދެ ގެއެއްގެ ފުރާޅުން ޓިނު ވަނީ ވަޔާއެކު އެއްލައިލާފައެވެ. އަދި ދެ ގެއެއްގެ ފާރުން ބައެއް ވެއްޓި، ބައެއް ގަސްތައް ވެސް ވަނީ ވެއްޓިފައެވެ. ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ރަށު ކައުންސިލާއި ގުޅިގެން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ނަގޫރޯޅީގައި ގެއްލުން ވެފައިވާ މީހުނަށް އެހީތެރިކަން ފޯރުކޮށްދެނީ ފޮޓޯ: ދިވެހި ފުލުހުން

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތުދޭ ގޮތުގައި، ނަގޫރޯޅީގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމާއި، ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޅައިމަގު ކައުންސިލާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބާރުއަޅައިފައެވެ. އެގޮތުން ވައިގަދަވެ، ކަނޑުތައް ގަދަވެ އަދި ވިއްސާރަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ރައްޔިތުން މޫސުމުގެ އެންމެ ފަހުގެ ޚަބަރުތަކަށް ސަމާލުކަންދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.