މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނާގޮތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ ހަވީރު 16:00ކުން މިރޭ 22:00އާ ހަމައަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި މި މަހުގެ 7 އިން 11 އަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ބޯކޮށް ވާރޭވެހި މަގުތަކުގައާއި ގޯތިގެދޮރުގައި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގޭތެރެއަށް ފެންވަންނާނެހެން ހުންނަ ތަންތަނުގައި ވެލިބަސްތާ ޖެހުމާއި، ކަރަންޓު ސާމާނު ފެން ނުޖެހޭފަދަ އުސްތަންތަނަށް ބަދަލުކުރުން ހިމެނެއެވެ.
މީގެއިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިކަން ކަށަވަރުކުރުމަށް ވަނީ އަންގަވާފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، ކަނޑުދަތުރުތައް ނުކުރުމަށް ވެސް އިރުޝާދު ދެއްވާފައިވެއެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.