ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ލާމު އަތޮޅު ގަމުގައި ހުޅުވައިފިއެވެ.
މިއީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޚާއްސަ މަޝްރޫޢުގެ ދަށުން ހުޅުވިފައިވާ މަރުކަޒުގެ ގޮތްޕެކެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ލ. ގަން ގޮފި އިފްތިތާޙުކޮށްދެއްވީ އެ ރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، ގަން ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުގެ ތެރެއިން، އެ ގޮފީގައި ހިންގާ ޤުރްއާން ތަޢުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، އިދާރީ ގޮތުން ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ގޮތްތަކާ މެދު ގަމު ކައުންސިލް އިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު މަޝްވަރާ ބައްދަލުވުންތައް ވަނީ ބޭއްވިފައެވެ.
މި ގޮފި ހުޅުވުމަކީ، ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މަރުކަޒުގެ އިތުރު 9 ގޮތްޕެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ނިމި، ރަސްމީކޮށް ހުޅުވުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެގޮތުން ހދ. ނޮޅިވަރަންފަރު، ހދ. ވައިކަރަދޫ، ރ. މަޑުއްވަރީ، ރ. ރަސްމާދޫ، ރ. ހުޅުދުއްފާރު، ކ. މާފުށި، ފ .މަގޫދޫ، ގއ .ދާންދޫ އަދި ސ. ހިތަދޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 12 ރަށެއްގައި ގޮފި ރަޖިސްޓްރީކުރުމަށް މިހާރު ވަނީ ހުށަހަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިސްލާމީ ޢިލްމު ވަރުގަދަކުރުމާއި، ކީރިތި ޤުރްއާން ހިފްޡުކުރުމަށް ހިތްވަރުދިނުމާއި، އަންނަންއޮތް ޖީލުތަކަށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ އިސްނެގުންތަކުގެ ތެރެއިން ދައުލަތުން ދަނީ ޤުރްއާނުގެ ތަޢުލީމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.