އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ، ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުވާނެ މަގު ކޮށައިދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައެވެ.

ރައީސްގެ މެސެޖުގައި ބަޔާންކުރެވިފައިވާ ގޮތުން، ދަނޑުވެރިކަން ކުރިއެރުވުމުގެ މަސައްކަތުގައި ޒަމާނީ ޓެކްނޮލޮޖީއާއި ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމަށް މުހިންމުކަމެއް ދެވެއެވެ. މިގޮތުން، ރާއްޖޭގެ އުފެއްދުންތައް އިތުރުކުރުމާއެކު ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުކޮށް، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މަގުފަހިކުރުމަކީ ސަރުކާރުގެ މަސައްކަތުގެ މުހިންމު ބައެކެވެ.