ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފާއެކު ދޭދޭ ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށްގެންދަވައިފިއެވެ. އޮކްޓޯބަރު 21 ވަނަ ދުވަހުގެ މި މަޝްވަރާތައް ބޭއްވުނީ އިސްލާމާބާދުގެ ބޮޑުވަޒީރުގެ ގެކޮޅު ޕްރައިމް މިނިސްޓަރ ހައުސްގައެވެ.
މަޝްވަރާތަކުގައި، ދެޤައުމުގެ މެދުގައި އޮތް ގުޅުންތަކަށް ބަލައިލައްވައި، ވިޔަފާރި، އިންވެސްޓްމަންޓް، ފަތުރުވެރިކަން، ކާބޯތަކެތީގެ ރައްކާތެރިކަން، ބޭސްފަރުވާ އަދި ޕްރައިވެޓް ސެކްޓަރުގެ ދާއިރާތަކުން އެހީތެރިކަން ފުޅާކުރުމަށް ވާހަކަފުޅުދެއްކެވިއެވެ. އަދި ދެޤައުމުގެ މެދުގެ ވައިގެ އަދި ކަނޑުގެ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަމަށް ދެބޭފުޅުން އިޝާރާތްކުރެއްވިއެވެ.
މި މަޝްވަރާތަކާއެކު، ޞިއްޙަތު، ތަޢުލީމު، މަސްވެރިކަން، ދަނޑުވެރިކަން، ޒުވާނުން، ފަންނު، އިސްލާމީ ކަންތައް، ފަތުރުވެރިކަން، އައިސީޓީ، ޕޮލިސް އަދި ދިފާޢީ ދާއިރާތަކާ ގުޅޭ 20 އެމްއޯޔޫ ބަދަލުކުރުން ކުރިއަށްގެންދެވުނެވެ. އެއްބަސްވުންތަކުން ދެޤައުމުގެ ރައްޔިތުންނަށް އަމަލީ މަންފާ ހޯދައިދިނުމަކީ ދެން ކުރަންޖެހޭ މުހިންމު މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.
އިޤްތިޞާދީ ގުޅުން ފުޅާކުރުމުގެ ގޮތުން، ދެޤައުމުގެ މެދުގެ ވިޔަފާރި އަންނަ ދެއަހަރު ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އެރުވުމުގެ އަމާޒަށް ރައީސް ތާއީދު ކުރެއްވިއެވެ. އަދި އޮކްޓޯބަރު 22 ވަނަ ދުވަހު ބާއްވާ ދިވެހިރާއްޖެ–ޕާކިސްތާނު ބިޒްނަސް ފޯރަމްއިން ދެޤައުމުގެ ވިޔަފާރިވެރިންނަށާއި އިންވެސްޓަރުންނަށް އައު ފުރުޞަތުތައް ހޯދުމުގެ މަގު ފަހިވާނެކަމަށް ރައީސް އުންމީދުފުޅު ފާޅުކުރެއްވިއެވެ.
ޞިއްޙީ އަދި ތަޢުލީމީ ދާއިރާއިން، ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގައި އެމްބީބީއެސް ކިޔެވުމުގެ ފުރުޞަތުތައް އިތުރުކުރުމާއި، މެޑިކަލް ގްރެޖުއޭޓުންނަށް އިންޓަރންޝިޕްގެ ފުރުޞަތުތައް ހޯދުމަށް މަޝްވަރާ ކުރެއްވިއެވެ. ޒުވާނުންގެ ހުނަރު ތަރައްޤީކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާތަކުން ފުރުޞަތުތައް ފުޅާކުރުމަށްވެސް ވާހަކަފުޅުދެއްކެވިއެވެ.
ރައީސްގެ މި ފުރަމާނަ ދަތުރުފުޅު އޮކްޓޯބަރު 20 އިން 22 އަށް ކުރައްވަނީ ބޮޑުވަޒީރު ޝަހްބާޒް ޝަރީފުގެ ރަސްމީ ދަޢުވަތެއްގައެވެ. ދެޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް 60 އަހަރު ފުރޭ މިއަހަރު ކުރައްވާ ދަތުރުފުޅުގައި، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދާއި، ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.