ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއާއި ގުޅިފަޅު ގުޅާލެވިފައިވާކަމަށް ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ހާމަކުރައްވައިފިއެވެ.

މުއްޠަލިބު މިގޮތަށް ހާމަކުރައްވާފައިވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ ވިލިމާލެއިން ގުޅިފަޅަށް ގުޅާލެވޭ އެންމެ ފަހު ސެގްމެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަސައްކަތް ނިމި ދެ ރަށް ގުޅާލެވުންމީ މި މަޝްރޫޢުގައި ހާސިލް ކުރެވުނު ޚާއްސަ ލަނޑުދަނޑިއެއް ކަމުގައިވެސް މިނިސްޓަރ ފާހަގަ ކުރައްވާފައިވެއެވެ. މިނިސްޓަރ ވަނީ މި ކާމިޔާބީއަށް އެ މިނިސްޓްރީގެ ޓީމަށާއި މަޝްރޫޢު ކުރިއަށްގެންދާ އެފްކޮންސްއަށް މަރުޙަބާ ދަންނަވާފައެވެ. އަދި އިންޑިއާ ސަރުކާރުން މި މަޝްރޫޢު ކާމިޔާބުކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެ ޤައުމުގެ ސަރުކާރަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.

ތިލަމާލެ ބްރިޖްގެ މުޅި މަޝްރޫޢުގެ %80 އަށްވުރެ ގިނަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އިތުރަށް އެ ސައިޓުގައި މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށްދަނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ގުޅިފަޅުގައި ޤާއިމުކޮށްފައިވާ ބުރިޖުގެ ސައިޓުގައެވެ.

ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބްރިޖުގެ ބަޔަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ ބައެކެވެ. އެ ބުރިޖު ތިލަފުއްޓާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހުއެވެ. ވިލިމާލެއިން ގުޅިފަޅަށް ބުރިޖު ގުޅާލާފައިވާއިރު މާލެއިން ވިލިމާލެއަށް ގުޅާލުމުގެ މަސައްކަތް މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ. އެއީ 2.2 ކިލޯމީޓަރުގެ ބްރިޖެކެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މި މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އަދި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ 500 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫޢެކެވެ.