ގެއްލުނު ޗާގޮސް ކަނޑުގެ މައްސަލައިގާ އެމްޑީޕީ ސަރުކާރުން އަމަލު ކޮށްފައިވާގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.
މި ކޮމިޝަނަކީ ރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވެފައިވާތީ އެކަން ތަހުގީގުކުރުމަށް އެކުލަވާލެއްވި ކޮމިޝަނެކެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިޚުތިޔާރުގެ ދަށުން، "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން"ގެ ނަމުގައި އެމަނިކުފާނު އުފައްދަވާފައިވާ ކޮމިޝަނެކެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި މި ކޮމިޝަން އުފައްދަވާފައިވަނީ މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން ކުރިއަށްދިޔަ ކަނޑުގެ އިމުގެ މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނެ ގޮތެއް ހޯދުމަށް ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަޙައްދެއް ގެއްލިގެން ދިޔައީ، ރާއްޖެއިން ކަންކުރިގޮތުން ކަމުގައި ލަފާދެއްވާފައިވާތީއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ މި މައްސަލަ ކޮންމެހެންވެސް ބައްލަވައި ފިޔަވަޅު އަޅަންޖެހޭކަން ވަނީ ރައީސް އޮފީހުން ފާހަގަކުރައްވާފައެވެ.
ރައީސް އުފެއްދެވި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން
- ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރު - ޢަބްދުލްޢަޒީޒް ޔޫސުފް - ޑރ. އާމިނަތު ޝާފިޔާ އާދަމް - ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު - ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް - އަޙްމަދު ޢަލީމަނިކު - އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު
މި ކޮމިޝަނުގެ ރައީސްކަމަށް ކަނޑައަޅުއްވާފައިވަނީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރެވެ.
މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ އިޓްލޮސްގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި އެ މައްސަލައިގެ މައުޟޫޢު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިޚުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތް ބަލައި ތަޙުޤީޤުކުރުމެވެ. މީގެ އިތުރުން އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި ގޮތެއް ކަނޑައެޅުމަކީވެސް މި ކޮމިޝަންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ރައީސް ވަނީ ބަޔާންކުރައްވާފައެވެ.
އެ ފަރާތްތަކުގެ އެއްވެސް ޤާނޫނީ އިހުމާލެއްވާ ނަމަ، އެ ކަންކަން ބަލައި، އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލުގެ އިންތައް ކަނޑައެޅުމާއި އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމުގައި، ލިޔެކިޔުންތައް ބަލަހައްޓައި، ރައްކައުކުރެވިފައިވާ ގޮތް ބަލައި ތަޙުޤީޤުކުރުމަކީވެސް މި ކޮމިޝަނުގެ ޒިންމާއެކެވެ. އަދި މި މައްސަލައިގައި ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އެޅުމަށް ކޮމިޝަނަށް ފެންނަ ފިޔަވަޅުތައް ކަނޑައެޅައި ކޮމިޝަނުގެ ތަޙުޤީޤަށް ހޯދޭ ކަންކަމުގެ އަލީގައި ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދައަކުން ކަންކަން އިންތިޒާމުކުރުމަށް ކޮމިޝަނަށް ފެންނަ ކަންކަން ހުށަހަޅަންޖެހޭނެކަންވެސް ވަނީ ބަޔާންކޮށްފައެވެ.
މި ކޮމިޝަނަކީ، ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވަނީ ބަޔާންކުރައްވާފައެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.