އެލް.ޖީ.އޭގެ ބޯޑަށް ހޮވިވަޑައިގެންނެވި ދެ މެންބަރުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މެންބަރުންނަށް މަރުހަބާ ދަންނަވާފައިވަނީ އެލް.ޖީ.އޭގެ އިންތިހާބަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރައީސް ވިދާޅުވީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލް.ޖީ.އޭގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި، ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ އަޙްމަދަށާއި، ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސް އަލްފާޟިލާ މަރްޔަމް ޒީނާއަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާކަމަށެވެ.
އޭގެ އިތުރުން ރައީސް ވަނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށް، ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ބާރުދެއްވައި، ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ދެ ބޭފުޅުންނަށް ތާއީދުކުރައްވައި ވޯޓުދެއްވި ހުރިހާ ރަށު ކައުންސިލަރުންނަށާއި، އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވާފައެވެ.
މި އިންތިޚާބު ކާމިޔާބު ކުރުމުގައި ޕާޓީގެ ލީޑަރޝިޕާއި، ޢިއްޒަތްތެރި މަޖިލިސް މެންބަރުންނާއި، ހުރިހާ ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީ ތަކުގެ ރައީސުންނާއި އެންމެހާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތްޕުޅު ފާހަގަކޮށް ރައީސް ވަނީ އެ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވާފައެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލް.ޖީ.އޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެކެވެ.
މިއަދު ބޭއްވި ދެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ލިބިފައިވާއިރު، އޭގެތެރެއިން 706 ފަރާތަކުން ވަނީ ވޯޓުލާފައެެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 87.5 އިންސައްތައެވެ. މި އިންތިޚާބުތައް ޕީއެންސީގެ ފަރާތުން ކުރިމަތިލައިފާވާ 2 ކެންޑިޑޭޓުން ކާމިޔާބު ކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.