ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ އެކި ސަބަބުތަކާ ހުރެ ސްކޫލަށް ދިއުމަށް ދަތިވާ ދަރިވަރުންނަށް އަމާޒުކޮށް، ގޭގައި ތިބެގެން މަދަރުސީ ތައުލީމު ހާސިލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައުލީމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ. މިދިޔަ މަހުގެ 26 ގައި ފުރަތަމަ ކިޔުން އިއްވި މި ބިލުގައި ބަޔާންކޮށްފައިވަނީ، ދަރިވަރުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހަދާ ހާއްސަ އެސެސްމެންޓަކަށް ފަހު، ހޯމް-ސްކޫލިންގެ ދަށުން ތައުލީމު ފޯރުކޮށްދިނުމުގެ ޝަރުތުތަކާއި އުސޫލުތަކެވެ.

މި ބިލަށް ބަހުސްކުރެއްވި ސަރުކާރު މެންބަރުން ފާހަގަކުރެއްވި ގޮތުގައި މިއީ ތައުލީމީ ނިޒާމު ހަރުދަނާކޮށް، ހުރިހާ ކުދިންގެ ތައުލީމީ ހައްގުތައް ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި ބިލާ ގުޅޭގޮތުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށާއި، ކަމުގެ އަސްލު އޮޅުވައިނުލުމަށް ވެސް މެންބަރުން ވަނީ ގޮވާލައްވާފައެވެ.

މީގެއިތުރުން، ތައުލީމީ ނިޒާމު ހިންގުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު މިހާރަށްވުރެ ބޮޑަށް ސާފުކޮށްދިނުމާއި، ގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން ވެސް މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.