ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އިންތިހާބުކުރާ މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބު، ބޮޑު އަގުލަބިއްޔަތަކުން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، އެލްޖީއޭގެ ބޯޑަށް ކައުންސިލްތަކުގެ ފަރާތުން ތިން މެންބަރަކު އިންތިހާބުކުރަން ޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެކެވެ.

މީގެ ތެރެއިން ސިޓީ ކައުންސިލްތަކަށް ހާއްސަ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި މީގެ ކުރިން އެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއަދު ވޯޓުލުން ކުރިއަށްގެންދިޔައީ ރަށު ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ ރައީސުންގެ ތެރެއިން ބޯޑަށް ހޮވާ މެންބަރުން ކަނޑައެޅުމަށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ރަށު ކައުންސިލްތަކުގެ ރައީސުން ތަމްސީލުކުރާ ގޮނޑި ޕީއެންސީން ކާމިޔާބުކުރީ ވޯޓުލީ މީހުންގެ 58.04 އިންސައްތަ ވޯޓާއެކުގައެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓަށް 314 ވޯޓު ލިބިވަޑައިގެންނެވި އިރު، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 227 ވޯޓެވެ. މީގެ އިތުރުން، މުޅި ރާއްޖޭގެ ހަތަރު އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އަގުލަބިއްޔަތުވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓެވެ.