ރާއްޖޭގެ ހަގީގީ އިގްތިސާދީ އެކްސްޕާޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ "މައުޟޫޢު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ، މި އަހަރަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ނާޒުކު އަހަރެއް ނަމަވެސް، މި ސަރުކާރުގެ ބުރަ މަސައްކަތުން އެ ދަތިތަކުން އަރައިގަނެވެމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުން ބޮންޑުތަކާއި ލޯނުތައް އަނބުރާ ދައްކައި ހަލާސްކޮށްފައިވާކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ، މިއީ މުޅި ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި މިއަދު ރައްޔިތުން އެކަމާ އުފާކުރާނެ ކަމަށެވެ. މީގެއިތުރުން، މިހާ ދަތި ހާލަތެއްގައި އެއްވެސް ބަޔަކު ރާއްޖޭގައި މީގެކުރިން ވެރިކަން ކޮށްފައިނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ލޯނު ނުނަގާ، ފައިސާ ޗާޕުނުކޮށް، ދަރަނި ދައްކަމުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެމުން ގެންދާ އެއްވެސް ސަރުކާރެއް ނޯންނާނެ،" ޝަރީފް ވިދާޅުވިއެވެ.

މެންބަރު އިތުރަށް ވިދާޅުވީ ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެއްވައި، ގައުމަށް އިގްތިސާދީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯއްދަވައިދެއްވީ ރައީސް މުއިއްޒު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެ ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްވެ، މިއީ އިންވެސްޓްކުރަން ރަނގަޅު ތަނެއްގެ ގޮތުގައި ބޭރު ދުނިޔެއިން ބަލައިގެންފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ހިންގުމުގެ ނިޒާމަށާއި، ވަކިން ހާއްސަކޮށް މާލީ ނިޒާމަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް ހިންގުމަށް ވެސް ބޭރު ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. "ހަގީގީ މާނާގައި މިއަދު ދިވެހި ރައްޔިތުންވެސް ގަބޫލުކުރަން އެބަޖެހޭ ހަގީގީ އިގްތިސާދީ އެކްސްޕާޓަކީ ރައީސް މުއިއްޒުކަން" މެންބަރު ވިދާޅުވިއެވެ.

ރައީސް، ރައްޔިތުންނާ ބާއްވަވާ ގާތްގުޅުމަށް އިޝާރާތްކުރައްވައި ޝަރީފް ވިދާޅުވީ، ރައްޔިތުންގެ ވާހަކަތައް އެމަނިކުފާނު އަޑުއައްސަވަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ކަމަށާއި، އެންމެ ގާތުން ވެރިކަން ކުރެއްވުމަކީ އެމަނިކުފާނު އެންމެ ލޯބިކުރައްވާ ގޮތް ކަމަށެވެ. އެގޮތުން ރައްޔިތުން އެމަނިކުފާނުގެ އަރިހަށް ގެނައުމުގެ ބަދަލުގައި، ސީދާ ރައްޔިތުން ތިބި ތަންތަނަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ރައީސްގެ ސިޔާސަތު އަމާޒުކުރައްވާފައިވަނީ، ކުރީގެ ސަރުކާރުތަކުން ރަށްރަށުގެ ހައުސިންއަށް އިސްކަންނުދިން އުސޫލާ ހިލާފަށް، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތްކުރާ ވަށާޖެހޭ ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.