ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ، ފަސް ބޭފުޅަކަށް އަރުވައިފިއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ އައްޑަނަ އެރުވީ، ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެ ޖަލްސާގައި ޝަރަފުގެ އައްޑަނަ އެރުވި ބޭފުޅުންނަކީ، 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި، ސިފައިންގެއިން ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެން، އިސްލާމްދީނާއި ދިވެހި ގައުމުގެ ދިފާއުގައި ހިތްވަރާއި ލާމަސީލު ނަމޫނާ ދެއްކެވި ފަސް ބޭފުޅުންނެވެ.

ޝަރަފުގެ އައްޑަނަ އެރުވި ބޭފުޅުންނަކީ: 1. ސާޖަންޓް ފަސްޓް ކްލާސް (ރިޓަޔާޑް) އިބްރާހިމް ޝަރީފް: 3 ނޮވެމްބަރު 1988 ގައި ރެކީ ޕެޓްރޯލަށް ނުކުތުމަށް ނެންގެވި ސިފައިންގެ ތެރޭގައި ހިމެނިވަޑައިގެން، ޖެހިލުމެއް ނެތި ނުކުންނެވި ބޭފުޅެކެވެ. އެ މަނިކުފާނު ސިފައިންގޭގައި ހިދުމަތް ކުރެއްވީ 4 ނޮވެމްބަރު 1981 އިން 4 ޖެނުއަރީ 2012 އަށެވެ. 2. ސްޓާފް ސާޖަންޓް (ރިޓަޔާޑް) ހުސައިން އަލީ: ނޮވެމްބަރު 3 ގެ ހަމަލާގައި ފައިމަގުގައި ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެންނެވި ދެ ޓީމުގެ ތެރެއިން އެއް ޓީމުގެ ލީޑަރުކަން ކުރެއްވިއެވެ. 12 ނޮވެމްބަރު 1962 އިން ފެށިގެން 11 ނޮވެމްބަރު 2002 އާ ހަމައަށް ސިފައިންގޭގައި ހިދުމަތް ކުރެއްވިއެވެ. 3. ސާޖަންޓް ހުސައިން މަނިކު: ނޮވެމްބަރު 3 ގެ ހަމަލާގައި ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. 18 ޖޫން 1979 އިން 23 ނޮވެމްބަރު 1998 އާ ހަމައަށް ސިފައިންގޭގައި ހިދުމަތް ކުރެއްވިއެވެ. 4. ކޯޕްރަލް އަބްދުﷲ ނަސީމް: ޓާސްކް ފޯސް ތަމްރީނު ހައްދަވާފައިވާ ނަސީމަކީ ހަމަލާ ދިން ވަގުތު ސިފައިންގެ އެތެރޭގައި ހުންނަވައިގެން ސިފައިންގެ ދިފާއުކުރަން ހަތިޔާރު އަޅުއްވައި، ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. 6 ޖުލައި 1976 އިން 30 ޑިސެމްބަރު 1990 އާ ހަމައަށް ހިދުމަތް ކުރެއްވިއެވެ. 5. ލާންސް ކޯޕްރަލް އަބްދުﷲ މުފީދު: ނޮވެމްބަރު 3 ގެ ހަމަލާގައި ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. 27 ފެބުރުވަރީ 1988 އިން 11 ޖެނުއަރީ 1990 އާ ހަމައަށް ސިފައިންގޭގައި ހިދުމަތް ކުރެއްވިއެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގައުމީ ލަވަ އަލްބަމެއް ނެރެދެއްވާފައެވެ.