ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ގައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުންވެސް ދިވެހި ގައުމު ސަލާމަތްކޮށް، އިގުތިސާދީ މިނިވަންކަން ގާއިމުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ތަގުރީރުކުރައްވަމުންނެވެ.
ޖުމްހޫރީ މައިދާނުގައި އޮތް މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ގައުމުގެ ދިފާއުގައި ތެދުވެވަޑައިގެންނެވި މަތިވެރި ޝަހީދުންގެ ޒިކުރާ އާކުރައްވައި، އެ ބޭފުޅުންގެ ގުރުބާނީގެ އަގުވަޒަންކުރައްވާފައެވެ. އަދި ދިވެހި ތާރީހު ދުށް ހުރިހާ ޝަހީދުންވެސް އިސްކަންދެއްވީ ގައުމާއި ވަތަނުގެ މިނިވަންކަމާއި، ހަމަޖެހުމާއި، މުސްތަގުބަލުގެ ކުރިއެރުމަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ތާރީހީ އިބުރަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޕޯޗުގީޒުންނާއި މަލާބާރީންގެ ހަމަލާތަކާއި، ބޮޑުހުޅުގެ ހާދިސާ އަދި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ އަޑީގައިވެސް ތިބީ ވެރިކަމަށް ދަހިވެތިވެފައިވާ ދިވެހިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ގައުމަށް ގައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާއްޖަވެރިކަން ކަމަށާއި، ގައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ ބާއްޖަވެރިކަން ކަމުގައި ވިދާޅުވިއެވެ.
ނޮވެމްބަރު ތިނެއްގެ ހާދިސާއަށް 38 އަހަރު ފާއިތުވެ، އެ ހާދިސާ ނުދެކޭ ދެ ޖީލެއް އުފެދިފައިވާއިރު، އެ ކުދިންނަށްޓަކައި އަދާކުރަންޖެހޭ ޒިންމާތަކެއްވާ ކަމަށާއި، މިކަމުގެ ބިންގަލަކީ ގައުމުގެ މިނިވަންކަމާއި، އިގުތިސާދީ ފުދުންތެރިކަމާއި، ސިޔާދަތު ރައްކާތެރިކުރުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އަމިއްލަ ބަހާއި ދީނާއި އަގުތައް ރައްކާތެރި ކުރެވެނީ ސަލާންޖަހަން ނުޖެހޭ އިގުތިސާދެއް ބިނާކުރެވިގެން ކަމުގައި ފާހަގަކުރެއްވިއެވެ. ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކޮށް، ފައިސާ ޗާޕުކުރުން ހުއްޓާލައި، ދަރަނިތައް ހަލާސްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލެވިފައިވާ ކަމަށާއި، ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަގުވާމީ މައިދާނުގައި ފެށިފައިވާ ކަމުގެ ޔަގީންކަން ރައީސް އެރުވިއެވެ. އަދި ގައުމީ ދިފާއީ ބާރުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާކަން ހާމަކުރެއްވިއެވެ.
ތަގުރީރު ނިންމަވާލައްވަމުން ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ނިންމަވާ ކޮންމެ ނިންމެވުމެއްވެސް ނިންމަވާނީ ދިވެހި ގައުމީ ބަހާތަކަށް ދިރުންދީ، ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީވަންތަކަމާއި މިނިވަންކަން ހިމާޔަތްކުރުމަށް ކަމަށެވެ. އަދި ސިޔާސީ ޖަޒުބާތުތަކުގެ ކުރިއަށް ގައުމީ މަސްލަހަތު ނެރެ، ދަރަނީގެ އަޅުވެތިކަމުން މިންޖުވެ ފުދުންތެރި މުސްތަގުބަލަކަށް އަމާޒު ހިފުމަށް މުޅި ގައުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.