ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ހިނގާ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައްވައި، "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" ވުޖޫދަށް ގެންނަން ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ބަދަލާއެކު ފަރުވާ ދިނުން އަވަސްވެ، ހިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށެވެ. ރައީސް މިކަން ހާމަކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިއްހީ ހިދުމަތްތައް ފުޅާކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތައް ގާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކުރަމުން ދަނީ ރައްޔިތުންނަށް އެމީހަކު އުޅޭ ރަށަކުން ނުވަތަ އަތޮޅަކުން އެކަށީގެންވާ ފަރުވާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށާއި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ހިންގުން ހަރުދަނާކޮށް، ފެންވަރު ރަނގަޅުކޮށް އަދި ބޭކާރު ހަރަދުތައް ކުޑަކުރުމަށް "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަދަލުގެ ސަބަބުން މަސައްކަތްތައް ތަކުރާރުވުން ހުއްޓުވި، އިދާރީ ހިންގުން ވަރުގަދަވާނެ ކަމަށް ފާހަގަކުރެއްވިއެވެ. އައު އޮނިގަނޑުގެ ދަށުން ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި އެ ފެންވަރަށް ތަރައްގީކުރާ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށާއި، އޭގެ ސަބަބުން ވަސީލަތްތައް ހިއްސާކުރުމަށާއި، ޑޮކްޓަރުންގެ ފަންނީ ހިދުމަތް އެއް ތަނުން އަނެއް ތަނަށް ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަންނަ ނޮވެމްބަރު މަހުން ފެށިގެން ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު މަސްދުވަހުގެ ތެރޭގައި ހޮސްޕިޓަލްތައް މި ވިއުގައާ ގުޅާލެވޭނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ މުވައްޒަފުން އިތުރުކުރާ މަޝްރޫއެއް ނޫން ކަމަށެވެ. އަދި މި ބަދަލާއެކު ދައުލަތުގެ ހަރަދުގައި ކިޔަވާ ޑޮކްޓަރުންގެ ހިދުމަތް އެންމެ އެދެވޭ ގޮތުގައި ލިބިގަނެވޭނެ އިންތިޒާމު ހަމަޖެހި، ހާއްސަ ދާއިރާތަކުގެ އެންމެ މަތީ ފަންތީގެ ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ގާއިމުވެ ތިބެގެން ފަރުވާ ދެވޭނެ ގޮތްތައް ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.