ރަސްމާލޭގައި ހިންގާ އީގަލް ހިލްސްގެ މަޝްރޫއުގެ މުޅި އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށައަޅާނެ ކަމަށާއި، ރިއަލް އެސްޓޭޓާ ގުޅޭގޮތުން މަޖިލީހަށް ހުށައަޅަން ނިންމާފައިވާ ބިލަށް ރައްޔިތުންގެ ހިޔާލަށް ހުޅުވާލާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ މުޅި އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއާ ހިއްސާކުރައްވާނެ ކަމަށެވެ. އަދި ރިއަލް އެސްޓޭޓާ ބެހޭގޮތުން މަޖިލީހަށް ހުށަހަޅާ ބިލަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މި މަސައްކަތް ކުރިއަށްގެންދަނީ ވަރަށް ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް އެންމެ ބޮޑު މަންފާއެއް ލިބޭނޭހެން ކަމަށެވެ. މަޖިލީހަކީ ރައްޔިތުން ތަމްސީލުކުރާ އެންމެ އިސް މުއައްސަސާ ކަމަށްވާތީ، މަޝްރޫއުގެ އެއްބަސްވުންތައް ކޮމިޓީއަށް ހުށަހެޅުމަކީ ސީދާ ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށާއި، ޒިންމާދާރު ވެރިކަމެއްގައި މިއަށްވުރެ ފުރިހަމައަށް އެކަން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، ރިއަލް އެސްޓޭޓް ޕްރޮޕަޓީ މިލްކުކުރުމުގައި ދިވެހި ރައްޔިތުންނަށް އެއްވެސް ހުރަހެއް ނުވަތަ ލިމިޓެއް ނޯންނާނެ ކަމަށެވެ. ނަމަވެސް، އެކުލަވާލާ ގާނޫނުގެ ދަށުން އެއްވެސް ވަކި ގައުމަކަށް %25 އަށްވުރެ އިތުރަށް ޕްރޮޕަޓީ ނުވިއްކޭގޮތަށް ހިފެހެއްޓޭނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް ގެންގުޅޭ ހަރުދަނާ ސިޔާސަތާ އެއްގޮތަށް، އިސްރާއީލާއި ޒަޔަނިސްޓުންނަށް ރާއްޖެއިން އެއްވެސް ޖާގައެއް ނުދެއްވާނެކަން ކަށަވަރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުން ޕްރޮޕަޓީ ގަތުމަށް އެންމެ ބޮޑު ތަރުހީބެއް ލިބެމުންދަނީ އަރަބި އިސްލާމީ ގައުމުތަކުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ ރާއްޖެއަކީ އަމާން އިސްލާމީ މާހައުލެއް އޮތް ތަނަކަށް ވުމުން ކަމަށެވެ. އަދި މި މަޝްރޫއާމެދު ރައްޔިތުންގެ މެދުގައި ނުބައި ތަސައްވުރެއް އުފައްދަން ބަޔަކު މަސައްކަތްކުރަނީ ސިޔާސީ ބޭނުމަކަށް ކަމަށާއި، އޮޅުވާލަން ދައްކާ އެފަދަ ވާހަކަތަކަށް ބެލުމެއްނެތި، ގައުމުގެ ލާބައަށް ފާޅުކުރާ ބިނާކުރަނިވި ހިޔާލުތަކަށް އަބަދުވެސް މަރުހަބާ ވިދާޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުން އެއްވެސް ވަރަކަށް ކަންބޮޑުވާން ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، އެތަނަކީ އާދައިގެ ރިސޯޓަކަށްވުރެވެސް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ތަރައްގީކުރާ ތަނެއް ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ރަލާއި އޫރުމަސް ވިއްކުން މަނާވާނެ ކަމަށާއި، މިސްކިތް ބިނާކޮށް ފަސްވަގުތު ބަންގި ގޮވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ބޭރުގެ ނުފޫޒު އޮންނަ ތައުލީމީ މަރުކަޒުތަކުގެ ބަދަލުގައި ސްކޫލުތައް ހިންގާނީ ރާއްޖޭގެ ތައުލީމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޯދަމަހު ހިދުމަތް ދިނުމުގައިވެސް އަމަލުކުރާނީ ގެސްޓްހައުސްތަކުގައި މިހާރުވެސް އޮންނަ އުސޫލުން ކަމަށާއި، އެތަނުގައި ހިނގާނީ ދިވެހިރާއްޖޭގެ ގާނޫނާއި ދިވެހިންގެ ސިޔާދަތީ ބާރު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށާއި، އިސްރާއީލަށް މަގުފަހިވާ އެއްވެސް ކަމަކަށް ރާއްޖެއިން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.