ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ 68.8 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލް އިން ހާމަކުރާ ގޮތުގައި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިމިފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން އޮފް ނެދަލޭންޑްސް" ބޭނުންކޮށްގެންނެވެ. ގިރާވަރު ފަޅުގެ ބައެއް ސަރަހައްދު ތަކަކީ ވަރަށް ފުން ސަރަހައްދު ތަކަކަށް ވުމުގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތުގައި ގޮންޖެހުން ތަކެއް ކުރިމަތިވި ނަމަވެސް މަޝްރޫޢުގެ މަސައްކަތްތައް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެމްއޭސީއެލުން ފާހަގަކުރެއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލްއިން ހިއްކަމުންދަނީ މަސައްކަތުގެ ނުނިމިއޮތް 97.15 ހެކްޓަރުގެ ބިމުގެ ބައެވެ. އެމްޑީޕީ ސަރުކާރުގެ ދައުރު ނިމުނު އިރު، މި މަޝްރޫގެ ދަށުން ނިންމާފައި އޮތީ އެންމެ 70 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ. އެމްއޭސީއެލްއިން ގިރާވަރު ފަޅު ހިއްކަން ފެށީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ.

ގިރާވަރު ފަޅަކީ ނިމިދިދިޔަ އެމްޑީޕީ ސަރުކާރުގައި، އެ ސަރުކާރުގެ ވެރިކަމުގެ ތެރޭގައި ގޯތި ދޭން ވަޢުދުވި މަޝްރޫއެކެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އެކަށީގެންވާގޮތުގައި ކުރިއަށް ގެންދެވިފައި ނުވާއިރު، ގޯތި ދޫކުރީ ކަނޑުގައި ރޮނގު އަޅައިގެނެވެ. އަދި އެ މަޝްރޫއަށް ރަނގަޅު ލޭންޑް ޔޫސް ޕްލޭނެއްވެސް އެކުލަވާލެވިފައެއް ނުވެއެވެ. މިއީ އެ މަޝްރޫއުގައި ގޯތި ލިބުނު މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. އިތުރުކުރި 113 ހެކްޓަރާއެކު، ގިރާވަރު ފަޅުން ބިން ހިއްކުމުގެ މަޝްރޫޢު އަލުން ކުރިއަށް މިގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގައެވެ.

އެމްޑީޕީ ސަރުކާރުގައި ވަނީ ގިރާވަރު ފަޅުން 5000 އަށްވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމާ، ލިބޭ މީހުން ކަނޑައަޅާފައެވެ. ނަމަވެސް އެއްވެސް ގޯއްޗެއް ހަވާލުކޮށްފައެއް ނުވެއެވެ. ގިރާވަރު ފަޅުން މިއަދަދަށް ގޯތި ދޫކުރަން އެކަށީގެންވާ ވަރަށް ބިން ނެތުމުގެ ސަބަބުން، މީގެތެރެއިން ވަކި އަދަދެއްގެ ގޯތި މިހާރު ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ. އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން، ގެދޮރުވެރިޔާ މަޝްރޫއިން ގިރާވަރު ފަޅުން ދޫކުރާނީ 4072 ގޯއްޗެވެ. ސަރުކާރުގެ އާމާޒަކީ މި ވެރިކަމުގައި، މި ގޯތިތައް އޭގެ ވެރިންނާ ހަވާލުކުރުމެވެ.