ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުން 2026، ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތﺎޒު ހުސައިން މުހައްމަދު ލަތީފު، ބައިވެރިވެވަޑައިގެންފިއެވެ.
އެންޓީގާ އެންޑް ބާބިއުޑާގައި ކުރިއަށްދާ މި ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ އާއި ކޮމަންވެލްތު ގައުމުތަކުގެ ވަފުދުތައް ބައިވެރިވެވަޑައިގެންނެވިއެވެ. ފެށުމުގެ ރަސްމިއްޔާތުގައި، އެންޓީގާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރާއި ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލް ތަގުރީރުކުރެއްވުމުގެ އިތުރުން ސަގާފީ ހުށަހެޅުމެއްވެސް ދައްކާލިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ވަނީ ކޮމަންވެލްތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުތަކުގެ އިސްވެރިންގެ ރަސްމީ އާއިލީ ފޮޓޯގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމަކީ ދެ އަހަރުން އެއް އަހަރު ބާއްވާ ބައްދަލުވުމެކެވެ. މިއީ ދުނިޔޭގެ ހައްސާސީ ގޮންޖެހުންތަކާ ގުޅޭގޮތުން މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް ގޮތް ނިންމުމަށް ލިބޭ މުހިންމު މަންސައެކެވެ. މިއަހަރުގެ ބައްދަލުވުން ކުރިއަށްދަނީ "އެކްސެލެރޭޓިންގ ޕާޓްނަޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިއާރުގެ ދަށުން، މި މަހުގެ 1 އިން 4 އަށެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.