ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނާއެކު ދިގުމުއްދަތުގެ ވިޔަފާރީ ގުޅުންތައް ޤާއިމުކޮށް، ރާއްޖޭގެ އައު ޞިނާޢަތުތަކުގައި އިންވެސްޓްކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.
ރައީސް މި ދަޢުވަތު ދެއްވީ، 22 އޮކްޓޯބަރު 2026 ގައި އިސްލާމާބާދުގައި ބޭއްވުނު ރާއްޖެ–ޕާކިސްތާނު ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖެ ދެކެންޖެހޭނީ މުދާ ވިއްކާ ބާޒާރެއްގެ ގޮތުގައި އެކަނި ނޫންކަމަށާއި، އެކުގައި ތަރައްޤީ ހޯދާނެ ބައިނަލްއަޤްވާމީ ބޮޑެތި މާކެޓްތަކަށް އުފެއްދުންތަކާއި ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންކުރެވޭނެ މުހިންމު މަންސައެއްގެ ގޮތުގައިވެސް ބެއްލެވުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
ކާބޯތަކެތީގެ ސަޕްލައި ޗެއިން ހަރުދަނާކުރުން، ކޯލްޑް ސްޓޯރޭޖް، ކާބޯތަކެތި ޕްރޮސެސްކުރުން އަދި ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާތަކުގައި އެކުގައި މަސައްކަތްކުރެވޭނެ ފުރުޞަތުތައް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޢިމާރާތްކުރުމާއި، ޞިއްޙަތާއި، ބޭހާއި، އާދައިގެ ހަކަތައާއި، އިސްލާމީ މާލިއްޔަތުގެ ދާއިރާތަކުންވެސް އިންވެސްޓްމަންޓުގެ ފުރުޞަތުތައް ހޯދުމަށް ދަޢުވަތު ދެއްވިއެވެ.
ކަނޑުމަގުން ގުޅިފައި އޮންނަ ގުޅުމަކީ އިޤްތިޞާދުގެ މައި ނާރެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސީދާ މިފަދަ ރާސްތާތަކުން ގުޅާލުމަށް ގޮވާލައްވާފައެވެ. އަދި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން މެދުވެރިކޮށް މާލެއާއި، ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފެށުމަށް އަމާޒުހިފާފައިވާކަންވެސް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.
ފޯރަމްގެ ނަތީޖާގައި ޢަމަލީ ވިޔަފާރި ގުޅުންތަކާއި އިންވެސްޓްމަންޓުތައް އުފެދުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އިންވެސްޓަރުންނަށް އެހީތެރިވުމާއި، ސަރުކާރުގެ އިދާރާތަކުގެ ގުޅުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށްވެސް ޔަޤީންކޮށްދެއްވިއެވެ.
މި ފޯރަމް ބޭއްވުނީ، ދެ ޤައުމުގެ ވިޔަފާރީ ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ސަރުކާރުން މަސައްކަތްކުރަމުންދާ ވަގުތެއްގައެވެ. 21 އޮކްޓޯބަރުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކުގައި، ދެ ޤައުމުގެ ވިޔަފާރީގެ މިންވަރު 13 މިލިޔަން ޑޮލަރުން 200 މިލިޔަން ޑޮލަރަށް ދެ އަހަރުގެ ތެރޭގައި އިތުރުކުރުމަށް ރައީސް މުޢިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފް އެއްބަސްވެވަޑައިގެންފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅު އޮތީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށް 60 އަހަރު ފުރޭ އަހަރުގައެވެ. ބޮޑުވަޒީރު ޝަރީފްގެ ރަސްމީ ދަޢުވަތެއްގައި ކުރައްވާ މި ދަތުރުފުޅަކީ، ދެ ޤައުމުގެ ދިގު ޒަމާންވީ ރަހުމަތްތެރިކަމުގެ މަތީގައި އިޤްތިޞާދީ އައު ފުރުޞަތުތައް ހޯދުމަށް އަމާޒުކުރެވޭ ދަތުރުފުޅެކެވެ.
މި ފޯރަމްގައި ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިންނާއެކު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.