ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ދިގު މުއްދަތަށް، ފަސޭހަކަމާއެކު އަދި އެކަށޭނަ މިންވަރަކަށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

މިނިސްޓަރު މިކަމަށް ގޮވާލެއްވީ، އެންޓީގާ އެންޑް ބާބިއުޑާގެ ވެރިރަށް ސެއިންޓް ޖޯންސްގައި މިއަދު ބޭއްވި ކޮމަންވެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުން ކޯ-ޗެއާ ކުރެއްވީ މިނިސްޓަރު އިރުތިޝާމާއި އެންޓީގާގެ ފޮރިން މިނިސްޓަރު ޗެޓް ގްރީންއެވެ.

"ސްކޭލިން އަޕް ޕާޓްނާޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯ ރެސީލިއަންޓް ސްމޯލް ސްޓޭޓްސް" މި ޝިއާރުގެ ދަށުން ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، ކުދި ގައުމުތަކުގެ ހައްގުގައި ވަކާލާތުކުރުމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މިހާރުވެސް ގާއިމުވެފައި ހުރި އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އަބާސް) ފަދަ ނިޒާމުތަކުގެ ބޭނުން ފުރިހަމައަށް ހިފަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި، އިއާދަކުރަނިވި ހަކަތައާއި، ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ އިތުރުން ޑިޖިޓަލް އިންވެސްޓްމަންޓްތައް ފުޅާކުރުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއެކު އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރާއްޖޭގެ "މޯލްޑިވްސް ފަސްޓް" ހާރިޖީ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އަބަދުވެސް އިސްކަންދެނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުންތަކަށް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ކުދި ޤައުމުތަކުގެ އަޑު އުފުލުމުގެ ގޮތުން، 2028 އިން 2030 އަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަމަށާއި، 2033 އިން 2034 އަށް ސަލާމަތީ މަޖިލީހުގެ ނަން-ޕާމަނަންޓް މެންބަރުކަމަށް ރާއްޖެއިން ކުރިމަތިލާފައިވާކަން އެކަމަނާ ހާމަކުރެއްވިއެވެ.

މި ބައްދަލުވުމަކީ ކުރިއަށް އޮތް 28 ވަނަ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ކުރިން، މެންބަރު ގައުމުތަކުން އިސްކަންދޭ މުހިންމު ކަންކަމާމެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެންޓީގާގެ ބޮޑުވަޒީރު ގެސްޓަން ބްރައުންގެ އިތުރުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ ބޮޗްވޭވެސް ވާހަކަދެއްކެވިއެވެ.