މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.

މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ޖަލްސާގައި، ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒު ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދެއްވުން މި ޖަލްސާގައި އޮންނާނެއެވެ. ހާއްސަ އިނާމަކީ، އިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ގައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސް ދެއްވާ އިނާމެކެވެ. މި އިނާމު ލިބޭ ފަރާތްތައް ހޮއްވަވަނީ، އެކަމަށްޓަކައި ރައީސް އެކުލަވައިލައްވާފައިވާ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ހާއްސަ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ މި ޖަލްސާގައި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުވެސް ދެއްވާނެއެވެ. މިއީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކުގައި ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ގައުމީ ފެންވަރުގައި ރައީސް ދެއްވާ އިނާމެކެވެ. ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ. ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ރައީސް އެކުލަވައިލައްވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.