ށ. ނަރުދޫ ކައުންސިލް އިދާރާގެ 34 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ކުރިއަށް ގެންދެވިއެވެ. މި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ މުވައްޒަފުންނާއި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ދިދަ ނަގައިދެއްވީ، ކައުންސިލް އިދާރާގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފު އިބްރާހީމް ރައޫފެވެ. އިދާރާގެ ދިގު ދަތުރުގައި އެމުވައްޒަފު ދެއްވަމުން އައި އަގުހުރި ޚިދުމަތުގެ އަގު ފާހަގަކޮށް، ދިދަ ނެގުމުގެ ޝަރަފު އެމުވައްޒަފަށް ދެއްވުނީ އެ ޚިދުމަތަށް ދެވުނު ޚާއްޞަ އިޙްތިރާމެއްގެ ގޮތުގައެވެ.

ށ،ނަރުދޫ ކައުންސިލް އިދާރާގެ 34 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު، 14 އޮކްޓޯބަރު 2026، ހެނދުނު 6:00 ގައި ކުރިއަށް ގެންދެވުނެވެ.

އަދި މި މުނާސަބަތުގައި، އިދާރާގެ ތަރައްޤީއާއި ކާމިޔާބީއަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރި އަދި މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްތަކުގެ ޚިދުމަތް ޝުކުރވެރިކަމާއެކު ފާހަގަކުރެވުނެވެ. އެ ފަރާތްތަކުގެ މަސައްކަތަކީ އިދާރާގެ ކުރިއެރުމަށް ލިބުނު މުހިންމު ބާރެކެވެ. އަންނަން އޮތް އަހަރުތަކުގައިވެސް ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އިދާރާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތް ކުރެއްވުމަށް ހިތްވަރު ދެވުނެވެ.