ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން، މުޅި ރާއްޖޭގައި ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ތެރެއިން ހުޅުމާލޭގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ހަރަކާތް ކުރިއަށްގެންދިއުމަށްޓަކައި މަޝްވަރާ ބާއްވާފައިވަނީ މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
ހުޅުމާލޭގައި ހިންގުމަށް ރާވާ މި ހަރަކާތަކީ، ޤައުމީ ގަސް އިންދުމުގެ މަޝްރޫޢަށް އިތުރު ދައުރެއް އަދާކުރެވޭނެ ފުރުޞަތެކެވެ. ހުޅުމާލެކަހަލަ އާބާދީބޮޑު މާޙައުލެއްގައި ގަސްތައް އިތުރުވުމުން ހިޔާ ލިބޭ ތަންތަން އިތުރުވެ، މީހުން ދިރިއުޅޭ މާޙައުލު ރީތިކޮށް ފެހިކުރުމަށްވެސް އެހީތެރިވެއެވެ. އެގޮތުން، ގަސް އިންދުމަކީ ހުޅުމާލޭގެ ފެހިކަން އިތުރުކުރުމާއި ދިރިއުޅުމަށް ހިތްފަސޭހަ މާޙައުލެއް އުފެއްދުމަށް މުހިންމު މަސައްކަތެކެވެ.
ގަސް އިންދުމާއެކު އެ ގަސްތައް ބޮޑުވަންދެން ބެލެހެއްޓުމަކީވެސް ދިގުމުއްދަތުގެ މަންފާ ހޯދުމަށް މުހިންމު ބައެކެވެ. ޤައުމީ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ރާވާ މި ހަރަކާތް، އަންނަން އޮތް ޖީލުތަކަށް ފެހިކަންގަދަ ހިތްފަސޭހަ މާޙައުލެއް ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ބާރެއް ލިބިދޭނެއެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.