2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ވަގުތީ ކޮމިޓީގެ މުޤައްރިރުކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް، އަދި ނައިބު މުޤައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހޮވައިފިއެވެ.
މުޤައްރިރަކަށް ސަލީމް އައްޔަންކުރަން ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އިއްޔެ ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި ސަލީމު މުޤައްރިރުކަމަށް ހޮވިފައި މިވަނީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ. ހަމައެއާ އެކު މި ބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް މެންބަރު އަލީ ފަޒާދު ވަނި ހަމަޖައްސާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ފުރުޞަތެއް ދިނުމަށް އާންމު ކޮމިޓީން ނިންމަވާފައިވެއެވެ. އަދި ބަހުސް ކުރިއަށްދާއިރު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މާލީ ވަޒީރަށް 45 މިނެޓުގެ ފުރުސަތެއް ދިނުމަށް ނިންމަވާފައިވެއެވެ. އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، މުޅި ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރު ލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ބަޖެޓެކެވެ. މިއީ، މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ.
މި ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. މި ޚަރަދުގެ ބޮޑު ބައެއް ކަމަށްވާ 42.7 ބިލިޔަން ރުފިޔާ ހިމެނެނީ، ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓު ޚަރަދުގެ ގޮތުގައެވެ. ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.