މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅި ބަންދުވެ ދުނިޔޭގެ ބާޒާރު ގުޑައިގެން ދިޔައިރު ވެސް، ރާއްޖެއިން ތެލާއި ގޭސް އަދި ކާބޯތަކެތި ހުސްނުވެ ރައްޔިތުންނަށް ހިފެހެއްޓުނީ މި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ވަޒީރު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރަށް 40 އަހަރު ފުރިގެން ދިޔައިރު ވެސް އެ ތަން ބޮޑުކުރަން ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ބަނދަރު ތޮއްޖެހި ތަކެތީގެ އަގު އުފުލޭ ކަމަށް ބުނެ ސަރުކާރު ބޮލުގައި އިދިކޮޅުން އަޅުވަނީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައީދު ފާހަގަކުރެއްވި ގޮތުގައި މެދުއިރުމަތީގެ ކާރިސާއާ އެކު އަވައްޓެރި ގައުމުތައް ތެލާއި ގޭހަށް ޖެހުނު ނަމަވެސް، ރާއްޖެއިން އެ ދަތިކަން އިހުސާސްކުރަން ނުޖެހުނީ ހަނގުރާމަ ފެށުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ހާއްސަ ވަޒީރުންގެ ކޮމިޓީގެ ސީދާ ބެއްލެވުމުގެ ދަށުން އެޅި ރޭވުންތެރި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އޭގެ އިތުރުން ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލުނަނުދީ، މުދާ ހުސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި ވިޔަފާރިވެރިންނާ ގާތުން އަމިއްލަފުޅަށް ވާހަކަދައްކަވައިގެން މައިކްރޯ ލެވެލްގައި ކަންކަން މެނޭޖުކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އިސްކަންދީގެން ތިލަފުށީގައި ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ތަރައްގީކުރަމުން އަންނަކަން ފާހަގަކުރައްވައި ވަޒީރު ވަނީ އެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވައިލެއްވުމަށް އެމްޑީޕީގެ މެންބަރުންނަށް ދައުވަތު ދެއްވައިފައެވެ.

އަދި އަންނަ އަހަރުގެ ނޮވެމްބަރު މަހަށް މުޅި މަޝްރޫއު ނިމިގެންދާއިރު، ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ދޯނިފަހަރުން މުދާ ބޭލުމުގެ ހިދުމަތް މިހާރު ވެސް ތިލަފުއްޓަށް ބަދަލުކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.