ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ އެންޓީގާ އެންޑް ބާބިޔުޑާއަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ދުނިޔޭގެ އިގުތިސާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިން މަޝްވަރާކުރައްވައި، އެއްބާރުލުން އިތުރުކުރުމަށާއި، ވިލުންތެރިކަން ބިނާކުރުމަށާއި، ވިޔަފާރި ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ގައުމަކަށް ލިބޭ މުހިންމު މަންސައެކެވެ.
މި އަހަރުގެ ބައްދަލުވުން ކުރިއަށްދާނީ "އެކްސެލެރޭޓިން ޕާޓްނާޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިއާރުގެ ދަށުންނެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓަށް ފުރުސަތު ފަހިކުރުމުގެ އިތުރުން، އެންމެންގެ ބައިވެރިވުން ހިމެނޭ އިގުތިސާދީ ކުރިއެރުމެއް ހޯދުމަށެވެ. މި ބައްދަލުވުން ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 1 އިން 4 އަށެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.