މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މެންބަރުންގެ ތެރެއިން އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް، ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖުގެ އަޅުކަން އަދާކުރެވޭ ގޮތަށް ގަވާއިދު އެކުލަވާލައި ގެޒެޓުކޮށްފިއެވެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުން އެކުލަވާލި މި އައު ގަވާއިދަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

ކުރިން އޮތް ގޮތުން ނަމަ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ހައްޖު ޖާގަ ކަށަވަރުވާ އަހަރު 65 އަހަރު ފުރޭ މީހުންނަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާއިން ހައްޖަށް ދިއުމުގެ ފުރުސަތެއް ނޯވެއެވެ. ނަމަވެސް، އަލަށް ގެނެވުނު މި ބަދަލާއެކު އުމުރުގެ ހުރަސް ނެތި، ޝަރުތު ހަމަވާ ކޮންމެ މެންބަރަކަށްވެސް މި ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.

މި ސްކީމުގެ ދަށުން ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރެވޭނީ ކުރިން ފަރުލު ހައްޖު އަދާކޮށްފައި ނުވާ ފަރާތްތަކަށެވެ. އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336000 ރުފިޔާ ހުންނަންވާނެއެވެ. ބޯހިޔާވަހިކަމަށް ފައިސާ ރަހުނުކޮށްފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހުވެސް 336000 ރުފިޔާ ހުންނަންޖެހޭނެއެވެ.

މި އުސޫލުގެ ދަށުން ހައްޖަށް ދާން އެދޭ ފަރާތްތަކުން ހައްޖު ދަތުރުގެ އަގުގެ އިންސައްތައިން 20 މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދެއްކުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ކަށަވަރުވެގެންދާނެއެވެ. އަދި ދަތުރުގެ އަގުގެ ބާކީ އިންސައްތައިން 80 އަށްވާ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. އެ ފައިސާ ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމާ ހަމައަށް ދާނީ އިންވެސްޓްކުރެވެމުންނެވެ.

ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޕެންޝަން ލިބެމުންދާ މެންބަރުންނާއި އަލަށް ރިޓަޔަރކުރާ މެންބަރުންނަށް ދޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ހައްޖަށް ރިޒާވްކުރާ ފައިސާގެ އަދަދެއް ނުހިމެނޭނެއެވެ. އެހެންކަމުން، ހައްޖު ބެނެފިޓްގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ މިންވަރަށް ބަދަލު އައުން އެކަށީގެންވެއެވެ. ނަމަވެސް، އެއްވެސް ސަބަބަކާހުރެ ހައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން އިނާޔަތް އަލުން ހިސާބުކުރެވޭނެ ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.