ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ "ތ. ވޭމަންޑޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް ޕްރޮޖެކްޓް" ހިންގުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑް ފޮ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އާއެކު ވެވުނު ޖުމްލަ 3 މިލިއަން ކުވައިތީ ދީނާރުގެ ލޯނު އެއްބަސްވުމެކެވެ. މިއީ ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެކެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގައި ބޭއްވުނު މި ރަސްމިއްޔާތުގައި، މި ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރެވެ. އަދި ކުވެއިތު ފަންޑް ފޮ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އަދި ކުވެއިތު ފަންޑުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަރީރު ވަނީ، ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުވައިތު ފަންޑުން ވެދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި އެ ފަރާތަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގި ކޮންމެ މަޝްރޫއަކާއި އައު ޓާމިނަލްގެ ބިޔަ މަޝްރޫއާއި، ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ފަދަ ގައުމީ މުހިންމު މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ތ. ވޭމަންޑޫގައި މި ހޮސްޕިޓަލް ގާއިމު ކުރުމަށް މި ލޯނު އެއްބަސްވުން ހަމަޖެހިގެން ދިޔައީ ކުވެއިތު ފަންޑް ފޮ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރާއްޖެއަށް ކޮންމެ އަހަރަކަށް ކަނޑައަޅާފައިވާ 10 މިލިއަން އެމެރިކާ ޑޮލަރުގެ ކަންޓްރީ ލިމިޓްގެ ދަށުންނެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، އިއްޔެ ސޮއިކުރެވުނު އެއްބަސްވުމަކީ ހަމައެކަނި އިމާރާތެއް ބިނާކުރުމަށް ވެވުނު އެއްބަސްވުމެއް ނޫން ކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމުގެ އިތުރުން، ގައުމުގެ މުސްތަގުބަލުގެ ފާގަތިކަމަށްޓަކައި ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށަކުން ފެންވަރު ރަނގަޅު، ހަމަހަމަ ސިއްހީ ހިދުމަތެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުވައިތު ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރު ވިދާޅުވީ، މިއީ އެ ފަންޑުން ދިވެހިރާއްޖެއަށް ދޫކުރި 15 ވަނަ ލޯނު ކަމަށާއި، އަދި މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރު ކަމަށެވެ. މީގެ އިތުރުން، 1976 ވަނަ އަހަރު ވެވުނު ފުރަތަމަ އެއްބަސްވުމާއެކު އެ ފަންޑުން ރާއްޖޭގެ މަޝްރޫއުތަކަށް ފައިނޭންސް ކުރަން ފެށިތާ 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގައި 185 މިލިއަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައިވާ ކަމަށެވެ. އަދި ހިލޭ އެހީއާއި ފަންނީ އެހީތެރިކަމުގެ ގޮތުގައި 5.7 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގައި އެންމެ އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދެއްވުމުގައި ކުވައިތު ފަންޑު އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވަމުން އަލްބަދަރު ވިދާޅުވީ، އަލަށް އިމާރާތްކުރެވޭ މި ހޮސްޕިޓަލް ވެގެންދާނީ މުޅި އެ ސަރަހައްދަށްވެސް އިތުބާރުހުރި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދޭނެ މުހިންމު މަރުކަޒަކަށް ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ތ. އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިގޮތުން، ލާމަރުކަޒީ އުސޫލުން ސެކަންޑަރީ ފެންވަރުގެ ސިއްހީ ހިދުމަތް އެންމެ އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދިނުމަށް މަގުފަހިވެ، ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށް ހިނގާ ހަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އަދި މި ހިދުމަތްތަކުގެ ފައިދާ އެ އަތޮޅުގެ އާބާދީގެ އިތުރުން އެ އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ލިބިގެންދާނެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި އިހުތިރާމުގެ ބައްދަލުވުމުގައި، އަލްބަދަރު ވިދާޅުވީ، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރު ޒަރީރު އެދިލައްވާފައިވާ އެދިލެއްވުންތަކަށް ރިއާޔަތްކުރައްވައި، މިއަންނަ އަހަރުން ފެށިގެން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެނުއަލް ކަންޓްރީ ލިމިޓު ގާތްގަނޑަކަށް 10 މިލިއަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެ ފަންޑުން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، އަންނަ އަހަރު ކުރިއަށްގެންދާނެ އެންމެ ބިޔަ އެއް މަޝްރޫއުކަމަށްވާ، ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ފައިނޭންސްކުރުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޒަރީރު އެދިލައްވާފައިވާތީ، އެކަމަށް އިޖާބަދިނުމުގެ ގޮތުން އެކަމާގުޅޭ އެންމެހާ ކަންކަމުގެ މަޝްވަރާތަކާއި ތައްޔާރީތައް މިހާރުން މިހާރަށް ފައްޓަވާނެކަމަށްވެސް އަލްބަދަރު ވިދާޅުވިއެވެ.