ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު ފާހަގަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަންތައްތައް ފާހަގަކުރެއްވީ އެންޓީގާ އެންޑް ބާބިއުޑާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ކުރިއަށްދިޔަ އެގްޒެކެޓިވް ސެޝަން 2 ގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ތިން ކަމަކީ، މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް އިސްނަގައިގެން މަސައްކަތްކުރުމަށް މީހުން ބާރުވެރިކުރުވުމާއި، ގައުމީ ލަނޑުދަނޑިތަކަށް އިހުތިރާމްކުރުމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލުކަން އަށަގެންނެވުމާއި، އަދި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެންމެން ގުޅިގެން އަމަލީ މަސައްކަތްތަކަކަށް ބަދަލުކުރުމެވެ.

ވަގުތީ ބޭނުންތަކުގެ އިތުރުން ދެމެހެއްޓެނިވިގޮތެއްގައި ގާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދިނުމުގައި ގައުމީ މަސްލަހަތުތަކަށް އިހުތިރާމްކުރެވި، ކޮންމެ މެންބަރު ގައުމަކަށްވެސް އެގައުމެއްގެ ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަންވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ހަމައަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ތަޖުރިބާ ހިއްސާކުރުމާއި، އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ގުޅިގެން ހައްލުތައް ހޯދުމުގައި އެއްބާރުލުން އިތުރުކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެއިތުރުން، ކޮމަންވެލްތް ވަރުގަދަވުމަކީ ގައުމުތަކުގެ އަމިއްލަ ބާރާއި ގާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދޭ ޖަމާއަތަކަށް ކޮމަންވެލްތްވުން ކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އަދި 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ އަމާޒުތައް ތަކުރާރުކުރައްވައި، 2030 ވަނަ އަހަރުގެ ނިޔަލަށް ޑިޖިޓަލް އިގުތިސާދަކީ ޖީޑީޕީގެ 15 އިންސައްތައަށް ހެދުމަށާއި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މި ލަނޑުދަނޑިތަކަކީ އިތުރަށް ވިލުންތެރި ރާއްޖެއެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ބައެއްކަން ބަޔާންކުރައްވަމުން، ގައުމީ ތަރައްގީގެ އެންމެ ބޮޑު ބާރަކީ އަދި އޭގެ މަންފާ ހައްގުވާ ބަޔަކީ ރައްޔިތުން، އަދި ޚާއްސަކޮށް ޒުވާނުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޒުވާނުންނަށް ހުނަރާއި، އިލްމާއި، ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ބޭރުން އަންނަ ގޮންޖެހުންތައް، ޚާއްސަކޮށް ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާ ބުރޫތަކާއި އިގުތިސާދީ ނުރައްކާތަކުގެ ސަބަބުން، ދުރުރާސްތާގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި އިންވެސްޓްކުރުމަށް ގައުމުތަކަށް އޮތް ފުރުސަތު ހަނިވަމުންދާކަން ނައިބު ރައިސް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ވިލުންތެރިކަން އިތުރުކުރަނިވި ބައިވެރިވުންތަކުގެ ތެރެއިން، ގައުމުތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ކޮމަންވެލްތަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.