ޖިސްމާނީ ސިއްހަތެކޭ އެއްގޮތަށް ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އެއްވަރަކަށް އަހައްމިއްޔަތުކަން ދޭންޖެހޭ ކަމަށާއި، ފުރިހަމަ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރެވޭނީ ނަފްސާނީ ދުޅަހެޔޮކަން ވެސް ކަށަވަރު ކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މިއަދު ފެށި، ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަހުގެ 1 އަދި 2 ގައި ކުރިއަށްދާ މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، ނަފްސާނީ ސިއްހަތަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. އެއީ އިންސާނީ ކަރާމާތާއި، މީހުންގެ މެދުގައި އޮންނަ ގުޅުމުގެ އިތުރުން މުޖުތަމައުގެ މިއަދާއި މާދަމާގެ ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މި ސަރަހައްދުގައި ހުރިހާ އުމުރެއްގެ މީހުންގެ މެދުގައި ވެސް ނަފްސާނީ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި ސާޖިދާ ވިދާޅުވީ، ގިނަ މީހުންނަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ އެ މައްސަލަތަކުގެ އިތުރުން، އެ ވާހަކަތައް ދައްކަން ޖެހިލުންވުމާއި، މީހުން ފާޑުކިޔައިފާނެތީ އެހީ ހޯދަން ފަސްޖެހުން ކަމަށެވެ. އެހެންވެ ނަފްސާނީ އެހީ ހޯދުމަކީ ބަލިކަށިކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ ހިތްވަރުގަދަ ކަމެއްގެ ގޮތުގައި ބަލައިގަންނަ، އަދި ތަފާތުކުރުމެއް ނެތި އޯގާތެރިކަން އިސްކުރާ މުޖުތަމައެއް ބިނާކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މަންމައެއްގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ކިޔެވުމުގެ ޕްރެޝަރާއި، މުޖުތަމައުގެ އުންމީދުތަކާއި، އާއިލީ މައްސަލަތަކުގެ އިތުރުން ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ ސަބަބުން ޒުވާނުންގެ ވިސްނުމަށް ބޮޑެތި ބުރަތަކެއް އުފުލަންޖެހޭކަން ފާހަގަކުރެއްވި އެވެ. ކުދިންގެ ފަރާތުން ފެންނަ ނުތަނަވަސްކަމުގެ އަލާމާތްތައް ދެނެގަނެ، އެ ކުދިންނަށް ފާޑުކިޔުމެއް ނެތި އަޑުއަހައި، ލޯތްބާއި އަޅާލުމާއެކު އެހީތެރިވުމަކީ މުހިންމު ކަމެއް ކަމަށާއި، ނަފްސާނީ ގޮތުން ވަރުގަދަ ޖީލެއް ބިނާކުރުމުގެ މަސައްކަތް ފެށެނީ އާއިލާގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުން ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދެމުން އަންނަކަން ފާހަގަކުރައްވައި، 2025 އިން 2029 އަށް އެކުލަވާލާފައިވާ "ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން" ގެ ދަށުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލެއްވި އެވެ. އަދި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، 24 ގަޑިއިރު ހިދުމަތްދޭ ނަފްސާނީ ހެލްޕްލައިންގެ މުހިންމުކަން ފާހަގަކުރައްވަމުން ވިދާޅުވީ، ދިރިއުޅޭ ރަށެއްގެ ސަބަބުން އެއްވެސް މީހަކަށް އެކަށީގެންވާ ވަގުތުގައި މި ހިދުމަތްތަކުން މަހުރޫމުވެގެން ނުވާނެ ކަމަށެވެ.
ނަފްސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި، ކައުންސިލަރުންނާއި، ނަރުހުން އަދި ސިއްހީ ހިދުމަތްތެރިންގެ އަގުވަޒަންކުރައްވަމުން، އެ ދާއިރާއިން މީހުން ބިނާކުރުމަށް އެމްއެންޔޫ އިން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން އެކަމަނާ ވަނީ، ނަފްސާނީ މައްސަލަތަކަކީ ގައުމެއްގެ ބޯޑަރުން ވަކިކުރެވޭނެ ކަންކަން ނޫން ކަމަށްވާތީ، ސަރަހައްދީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި މި ކޮންފަރެންސްގެ ސަބަބުން ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ފަދަ އަމަލީ މަސައްކަތްތަކަކަށް މަގުފަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.