ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއާއެކު ފެށިގެންދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށާ، ކުރިއަށް އޮތް 2 އަހަރު ދުވަހަކީ، ތާރީހު ދެކެފައި ނުވާ މިންވަރަށް، ދިވެހި ރައްޔިތުންނަށް ފުރަތަމަ ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ދުވަސްތަކެއް ކަމުގެ ޔަގީންކަން، ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ގެނެސްދެއްވާ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، އަދި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީވެސް ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުންކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. މި މޭރުމުން މިވަގުތު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއުގެ މަސައްކަތްތަކާ ގުޅިގެން އެއްވެސް އަސާސެއް ނެތި މުޖުތަމައުގައި ފެތުރޭ ބައެއް އަޑުތަކާއި އެކަމުގެ ހަގީގަތުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލެއްވިއެވެ. ހުރިހާ ކަމަކާ ދެކޮޅަށް ތެދުވާ ބަޔަކު އުޅުނު ކަމުގައި ވީ ނަމަވެސް، ކަންކަމުގެ ރަނގަޅު ގޮތާއި ގޯސް ގޮތަކީ ކޮބައިތޯ ބަލާ، އެތަނުން ރަނގަޅު ގޮތް ހިޔާރުކުރާ ބަޔަކުވެސް މުޖުތަމައުގައި އުޅޭކަން ފާހަގަކުރައްވާ، މިފަދަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވަމުން ރައީސް ވަނީ، ރަސްމާލޭގައި ކުރިއަށްގެންދެވޭ ތަރައްގީގެ މަޝްރޫއުގެ ސަބަބުން، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށާ، މިކަމުގައި އޮތީ ފައިދާކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފައެވެ.

މި ރޫހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރައސް އޮފީހުން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގައި ހަމަ މިމައުލޫއަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ދެއްވި ތަފްސީލުތައް ރޭވެސް ހިއްސާކުރައްވާފައެވެ. އަދި މަޝްރޫއު ކުރިއަށްގެންދާ ގޮތާމެދު ރައްޔިތުންގެ ހިތުގައި ފިތުނައާއި ބިރުވެރިކަން އުފެދޭ ގޮތަށް، ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތްކަން ހާމަކުރައްވައި، އިޒްރޭލާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުން މިސާލު ޖައްސަވަމުން، އެކަން އެގޮތަށް ކުރައްވަމުން ގެންދަވާނެ ކަމުގެ ކަށަވަރުކަން ދެއްވާފައިވެއެވެ.

ރަސްމާލޭގައި ބޭރުގެ ފަރާތަކުން އިންވެސްޓްކުރުމުގެ ސަބަބުން ތަރައްގީ އިތުރަށް ކަށަވަރުވެގެންދާ މަގުތައް ބަޔާންކޮށްދެއްވަމުން ރައސް ވަނީ، މިފަދަ މަޝްރޫއެއްގެ ސަބަބުން، ދިވެހިރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ފުރުސަތު ހަނިވެގެންނުދާނެކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފައެވެ. އަދި ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަގީންކަން އެބައޮތްކަންވެސް، ޕޮޑްކާސްޓްގެ މި އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ފަދަ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދަނީ ބޮލުގައި އެއްވެސް ދަރަންޏެއް ނޭޅޭނެ ފަދަ އީޖާދީ އުސޫލުތަކެއްގެ ދަށުންކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ފިއުޗަރ ރެވެނިއު ބޭނުންކޮށްގެން ނުވަތަ ބިން ދޫކުރާ އުސޫލުން އިންވެސްޓަރުން ލައްވާ ކުރިއަށްގެންދާ މި މަސައްކަތްތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ހެޔޮ ލާބަޔާއި މަންފާ ލިބޭނެ ކަންތައްތަކެއް ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަކުރާރުކޮށް، ދެއްވާފައެވެ.