ފޮއްދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބްލޮކްތައް ރަށަށް ގެނެސްފި
ނ. ފޮއްދޫގައި ކުރިއަށްދާ ބަނދަރު މަޝްރޫޢަށް ބޭނުންވާ މައި ބްލޮކްތަކާއި އެންކަރ ބްލޮކްތައް މިއަދު ރަށަށް ގެނެސްފައިވާކަމަށް ޕީއެންސީ ފޮއްދޫގެ ފޭސްބުކް ޕޭޖުގައި ވެއެވެ.
އެ ޕޭޖުގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ފޮއްދޫގެ ތަރައްޤީއަށް ދޭ ޚާއްޞަ އަހަންމިއްޔަތުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާކަމަށެވެ.
އަދި މި މަޝްރޫޢަކީ ފޮއްދޫގެ އިޤްތިޞާދާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމަށް އާ ބާރެއް ދީ، ރަށުގެ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްކަމަށް އެ ޕޯސްޓުގައި ސިފަކޮށްފައިވެއެވެ.
ފޮއްދޫގެ ތަރައްޤީއަށް ދެއްވާ އިސްކަމަށް، ރަށުގެ ރައްޔިތުންގެ ފަރާތުން ރައީސް ޑރ. މުޢިއްޒަށާއި ސަރުކާރަށް ޚާއްޞަ ޝުކުރުވެސް އެ ޕޯސްޓުގައި އަދާކޮށްފައިވެއެވެ.
ފޮއްދޫގެ ބަނދަރު މަޝްރޫޢު މިހެން ކުރިއަށްދިއުމަކީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރަށުގެ ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީ، ތަރައްޤީގެ ވަޢުދުތައް ފުއްދުމަށް ކުރައްވާ މަސައްކަތުގެ އުފާވެރި މިސާލެކެވެ. ރައްޔިތުންގެ ދުވަހުގެ ދިރިއުޅުން ފަސޭހަކޮށް، ވިޔަފާރިއާއި ރަށުގެ އިޤްތިޞާދަށް އާ ފުރުޞަތުތައް ހުޅުވައިދޭނެ މިފަދަ މަޝްރޫޢުތަކުން، ފޮއްދޫގެ މާދަމާއަށް އާ އުންމީދެއް ގެނެސްދެއެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.