ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެކަމަށް ދިވެހި ސަރުކާރުން ޔަޤީންކަން ދީފިއެވެ.

ސަރުކާރުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ، ރާއްޖޭގެ މިނިވަންކަން ބަރޯސާވާ ބަދަލުނުކުރެވޭ ޙައްޤެއްކަމަށެވެ. އެއީ ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ޙައްޤެއްކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ޤާނޫނުއަސާސީން ދިވެހިދައުލަތާ ޙަވާލުކޮށްފައިވާ ޒިންމާއެއްކަމަށް ސަރުކާރުން ބަޔާންކޮށްފައިވެއެވެ.