ދައުލަތަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ފަހު ފައިސާ ނުލިބި ހުރި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހުގެ ތެރެއިން އެ އަދަދު އުނިކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ އެއްވެސް އިދާރާއަކުން ވިޔަފާރިއަކަށް ދޭންޖެހޭ ފައިސާއެއް ނުދީ އޮތް ނަމަ، އެ ފައިސާ ޓެކުހާ އަޅާކަނޑައިދިނުމަށް އެދި މީރާއަށް ހުށަހެޅޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ސަރުކާރުން އެ ވިޔަފާރިއަކަށް ދޭން އޮތް ފައިސާއަށް ވުރެ ބޮޑު ނަމަ، ދައުލަތުން ދޭންޖެހޭ ބައި ކަނޑައި ނިންމުމަށް ފަހު ބާކީވާ މިންވަރު އެ ވިޔަފާރިއަކުން މީރާއަށް ދައްކަން ޖެހޭނެ އެވެ. އަދި ޓެކުހަށް ދައްކަންޖެހޭ އަދަދަށް ވުރެ ދައުލަތުން އެ ކުންފުންޏަކަށް ދޭން އޮތް ފައިސާ ގިނަ ނަމަ، ޓެކުހުގެ ބައި އުނިކުރުމަށް ފަހު އިތުރުވާ ފައިސާ ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކާނެ ކަމަށް ވެސް މާލީ ވުޒާރާއިން ބުންޏެވެ.

ވިޔަފާރިތަކަށް ލިބެންހުރި ފައިސާ ޓެކުހުން އުނިކުރަން މީރާއަށް ހުށަހަޅަން ވާނީ، އެކަމަށް އެ އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހަނދާންކޮށްދީފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެންދާތީ ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި އެ ފައިސާ ޓެކުހާ އަޅާކަނޑައިދިނުމަށް ވެސް ރައީސްގެ އަރިހުން ގިނަ ވިޔަފާރިވެރިން އެދުނެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ މިކަމުގައި ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.