ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރުއެސްޑަބްލިޔު) ހަރުކުރުމަށް ދޫކުރާ ލޯނުގެ އަދަދު، އެއްވެސް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ބޮޑުކޮށް، އުޅަނދުތަކަށް އިންޖީނު އެޅުމަށްވެސް މި ފެސިލިޓީގެ ދަށުން ފައިސާ ދޫކުރަން ނިންމައިފިއެވެ.

މިއީ މަސްވެރިކަމުގެ ވުޒާރާއާއި މާލީ ވުޒާރާގެ އިތުރުން ލައިވްސް އެންޑް ލައިވްލިހޫޑް ފަންޑު (އެލްއެލްއެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ފައިނޭންސިން ކުރިން ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރުއެސްޑަބްލިޔު ސިސްޓަމާއި، ޖަނަރޭޓަރު އަދި އިރުގެ ހަކަތަ ބޭނުންކުރާ ސޯލާ ޕެނަލް ހަރުކުރުމަށެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު، އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށްވެސް ލުއި ގޮތަކަށް ފައިސާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފައެވެ.

އެއްވެސް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް މި ފެސިލިޓީ ދޫކުރަނީ އަހަރަކު %6 ގެ ފައިދާ ރޭޓެއްގައެވެ. މި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، އޭގެ ތެރޭގައި ފައިސާ ދައްކަން ނުޖެހޭ 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. މި ސްކީމުގެ މައިގަނޑު ބޭނުމަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދީ، ބާނާ މަހުގެ ތާޒާކަން ދަމަހައްޓައި ފެންވަރު ރަނގަޅުކުރުމަށް ޒަމާނީ ވަސީލަތްތައް ހޯދައިދިނުމެވެ.

މި މަޝްރޫއާ ގުޅޭގޮތުން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށް ހިނގާ ބޮޑު ހަރަދު ކަމަށެވެ. އެހެންކަމުން ދޯނިފަހަރުގައި އާރުއެސްޑަބްލިޔު ސިސްޓަމްތައް ގާއިމުކުރުމުން އައިސް ޕްލާންޓްތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ތެލަށް ކުރާ ހަރަދު ސަލާމަތްވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އުޅަނދުފަހަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މަސްވެރިންނަށް ލިބޭ ސާފު އާމްދަނީ އިތުރުވެ، މުޅި ސިނާއަތަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ބަދަލާ ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އޮޑިވެރިންނާއި މަސްވެރިންނަށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.

"އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިންގެ ސަބަބުން މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށް، އެންމެ ޒަމާނީ ވަސީލަތް އޮޑީގައި ގާއިމުކުރުމުގެ ފުރުސަތު ލިބޭނެ. މިއީ މަސްވެރިކަމަކީ ފައިދާވާ މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދަން ކުރެވޭ އިންވެސްޓްމަންޓެއް. މީގެ ސަބަބުން މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، އެކަމުގެ ފައިދާ މަސްވެރިންނަށާއި އެ މީހުންގެ އާއިލާތަކުގެ އިތުރުން ވިޔަފާރިތަކަށާއި ރަށުގެ އިގްތިސާދަށްވެސް ކުރާނެ،" ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.