ދިވެހިރާއްޖެއަކީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާ، އަދި އެފަދަ އިންވެސްޓްމަންޓްތައް ކާމިޔާބު ކުރުމަށް ފުރިހަމައަށް އަހައްމިއްޔަތުކަންދޭ ގައުމެއް ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ކަށަވަރުކޮށްދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 އާ ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި އެ ފޯރަމަކީ ހަމައެކަނި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ފޯރަމެއް ނޫން ކަމަށާއި، މިއީ ދެ ގައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދީފައިވާ ގާތް އެކުވެރިކަމުގެ އައު ބާބެއް ބައްޓަންކުރުމަށް ބޭއްވުނު ފޯރަމެކެވެ. އަދި ޒަމާންތަކެއް ވަންދެން ކަނޑުމަގުގެ ވިޔަފާރިއާއި ރައްޔިތުންގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން ރާއްޖެއާއި ޗައިނާ ގުޅިފައިވާކަން ފާހަގަކުރައްވައި، އެ ގުޅުން މިއަދު ވަނީ އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕަކަށް ބަދަލުވެފައި ކަމަށް ވިދާޅުވިއެވެ.
1 ޖެނުއަރީ 2025 ގައި އަމަލުކުރަން ފެށުނު ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓާ (މިނިވަން ވިޔަފާރީގެ އެއްބަސްވުން) ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓާ ގުޅި، ވާދަކުރުމަށް ދިވެހި ވިޔަފާރިތަކަށް ލިބުނު ވަރުގަދަ ފުރުސަތެއް ކަމަށެވެ.
އަދި ޖެނުއަރީ 2025 އިން އޮގަސްޓް 2026 ގެ ނިޔަލަށް ޗައިނާއިން ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 124 މިލިއަން ޑޮލަރު، ނުވަތަ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް އެތެރެކޮށްފައިވަނީ މި އެއްބަސްވުމުގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އަމާޒަކަށް ވާންވާނީ ހަމައެކަނި ވިޔަފާރީގެ އަދަދުތައް އިތުރުކުރުން ނޫން ކަމަށާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، މުޅި ރާއްޖޭގެ މުޖުތަމައުތަކަށް އިގްތިސާދީ މަންފާ ލިބޭނެ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޗައިނާގެ މާކެޓުގައި ދިވެހިރާއްޖޭގެ ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތަކަށާއި، ސަގާފީ މަސައްކަތްތަކަށާއި ހިދުމަތްތަކަށް ބޮޑު ފުރުސަތެއް އޮތްކަން ފާހަގަކުރައްވައި، ޒަމާނީ ޕްރޮސެސިންގ، ސަޕްލައި ޗޭން، ޑިސްޓްރިބިއުޝަން އަދި މާކެޓަށް ވާސިލުވުމުގެ ދާއިރާތަކުން ދިވެހި ވިޔަފާރިތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ޗައިނާގެ ކުންފުނިތަކަށް އެމަނިކުފާނު ދައުވަތު އެރުވިއެވެ.
ރައީސް ވިދާޅުވީ، 2040 ވަނަ އަހަރުގެ ނިޔަލަށް ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް "ވިޝަން 2040" ގެ ދަށުން ކަނޑައަޅާފައިވާ އަމާޒާއެކު، ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ގައުމީ ތަރައްގީގެ މުހިންމު ދައުރަކަށް ކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، އިގްތިސާދު ސިންދަފާތުކޮށް އީޖާދީ މަސައްކަތްތައް އަވަސްކޮށް، މުސްތަގުބަލާމެދު އުއްމީދު އޮތް އިންވެސްޓަރުންނާއެކު ގުޅުން ގާއިމުކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފާއިތުވި ސާޅީހަކަށް އަހަރު އަމަލުކުރަމުން އައި ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ ގާނޫނު އުވާލައި، ދެފުށް ފެންނަ، ސިޔާސަތުތަކުގެ ޔަގީންކަން ދެމެހެއްޓޭނެ އަދި އިންވެސްޓަރުންގެ އިތުބާރު ބޮޑުވާނެ ފަދަ އައު ފޮރިން އިންވެސްޓްމަންޓް ގާނޫނެއް ތައާރަފުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ތަރައްގީގެ އިސް އިސްތިރާޖީ ދާއިރާތަކުގެ ތެރޭގައި، އިއާދަކުރަނިވި ހަކަތަ، ކާބޯތަކެތީގެ ރައްކާތެރިކަން، ލޮޖިސްޓިކްސް، މަސްވެރިކަމުގެ އުފެއްދުންތައް ޒަމާނީ ފެންވަރަށް ޕްރޮސެސްކުރުން، ޑިޖިޓަލް ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސިއްހީ ހިދުމަތްތައް، މާލީ ހިދުމަތްތައް، ސްމާޓް އިންފްރާސްޓްރަކްޗަރ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރަށްފަޅު ތަރައްގީކުރުމުގެ ދާއިރާތަކުން ފުރުސަތުތައް އެބައޮތް ކަމަށް ވިދާޅުވިއެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.