ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެއެވެ.

ލާމަރުކަޒީ ގާނޫނު ބަޔާންކުރާ ގޮތުން އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރަނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން މެންބަރެކެވެ. މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަނި ކަމަށްވާތީ، ވޯޓަކާ ނުލައި އޭނާ ވަނީ އެ މަގާމަށް އިންތިޚާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއަދު ވޯޓުލުން ކުރިއަށްދަނީ ބާކީ އޮތް ދެ މަގާމަށެވެ.

ހެނދުނު 10:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާއިރު، މާލޭގައި ހުންނަ އެލްޖީއޭ އޮފީހާއި އަތޮޅުތަކުގެ ސަރުކާރު ޚިދުމަތް ދޭ މަރުކަޒުތައް އަދި ހުޅުދޫ އިޖުތިމާއީ މަރުކަޒު ހިމެނޭހެން ޖުމްލަ 19 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އަދި ވަގުތު ހަމަވާއިރު ކިޔޫގައި ތިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެއެވެ.

މި އިންތިހާބުގައި 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 625 ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ 182 ރައީސުންނެވެ. ދެ މަގާމުގެ ވޯޓުލުން ވެސް ކުރިއަށްދަނީ އެއް ފޮއްޓަކަށް ނަމަވެސް، ދެ މަގާމަށް ދޫކުރާ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށް އެލްޖީއޭއިން ބުނެއެވެ.

އެލްޖީއޭއިން މައުލޫމާތު ދިން ގޮތުގައި ވޯޓުލުން ނިމި ފޮށިތައް ބަންދުކުރާތާ ބައިގަޑިއިރު ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި ވަގުތީ ނަތީޖާ މިރޭ އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު، ދާއިމީ ނަތީޖާ އިއުލާންކުރާނީ އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.