ރާއްޖެއިން ވިއެޓްނާމަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު މަރްޔަމް މިދްފާ ނަޢީމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ޓޯ ލާމްއަށް އަރުވައިފިއެވެ.

ވިއެޓްނާމްގެ ވެރިރަށް ހަނޯއީގައި ބޭއްވި މި ރަސްމިއްޔާތުގައި، އެ ގައުމުގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓެރީ އަދި ރައީސް ޓޯ ލާމް ވަނީ ފަތްކޮޅު އެރުވި ސަފީރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ ބޭފުޅުންގެ މަސައްކަތުގައި ވިއެޓްނާމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަފީރު މިދްފާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރުގެ އިތުރުން ރައްޔިތުންގެ ނަމުގައި، ވިއެޓްނާމްގެ ރައީސަށާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.