ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބަލައި، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އިޓަލީވިލާތުގެ ވިޔަފާރިވެރިންނަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު ސައީދު މިކަމަށް އެދިވަޑައިގެންނެވީ، ރާއްޖެއާއި އިޓަލީވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާއި، އެ ގައުމުގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 1966 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރި ފަހުން ދެ ގައުމުގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އުފެދިފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، 1970 ގެ އަހަރުތަކުގެ ކުރީކޮޅު ޖޯޖް ކޯބިން ފަދަ އިޓަލީގެ ބޭފުޅުން އިސްނަންގަވައިގެން ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ ރާއްޖޭގެ އިގްތިސާދުގެ މައި ބިންގާ އެޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިޓަލީވިލާތަކީ މިހާރުވެސް ރާއްޖެއަށް 5 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ހަމައެކަނި ޓޫރިޒަމްގެ އިތުރުން އެހެނިހެން ވިޔަފާރިތަކަށްވެސް ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ޓެކްނޮލޮޖީއާއި، އައު އީޖާދުތަކުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން އިޓަލީން ހޯދާފައިވާ ކުރިއެރުންތަކުގެ ބޭނުން ހިފައި، ރާއްޖެއާއެކު އޮތް ގުޅުން ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމުގައި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ 60 އަހަރުގެ އެކުވެރިކަމަކީ ވަރުގަދަ ބިންގަލެއް ކަމަށާއި، ކުރިމަގުގައި މި ގުޅުން އިތުރަށް ހަރުދަނާވެ ދެ ގައުމަށްވެސް ފާގަތިކަން ގެނެސްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.