ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ފަހި ފުރުޞަތުތަކެއް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ތަޢާރަފުކުރައްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވެވީ، ”މޯލްޑިވްސް އެކްސްޕޯ 2026“ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.
އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ރައްޔިތަކާއެކު، ވަށާޖެހޭ ތަރައްޤީ ހާސިލުކުރެއްވުމުގެ އަމާޒުގެ ދަށުން މި ފުރުޞަތުތައް ތަޢާރަފުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއެރުމުގެ އިތުރު މަގުތައް ހުޅުވި، އިޤްތިޞާދީ ތަރައްޤީގެ މަންފާ ފުޅާ ގޮތެއްގައި ރައްޔިތުންނަށް ލިބޭނެ މާޙައުލެއް އުފެއްދުމާ ގުޅޭ އަމާޒެކެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިވުމަކީ، އައު ވިޔަފާރިތައް ފެށުމަށާއި މިހާރު ހިންގަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް ބާރުއަޅާ ކަމެކެވެ. އެފަދަ ފުރުޞަތުތަކުން ވަޒީފާގެ އައު މަގުތައް ހުޅުވި، އަމިއްލަ އާމްދަނީއެއް ހޯދުމަށް ކަށަވަރުކުރާ ފަރާތްތަކަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.
ކުރިއަށް އޮތް ނޮވެމްބަރު މަހާއި 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ހިމެނޭހެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަދަށްވުރެ ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމުގެ ގޮތުން ކުރައްވަން ގަސްތުކުރައްވާ މަސައްކަތްތަކުގެ ބައެއް ތަފްސީލުތައް ހާމަކުރައްވާފައެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.