މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 34.52 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %5.3 ގެ ކުރިއެރުމެއް ހޯދައިފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 32.79 ބިލިއަން ރުފިޔާއެވެ.

އާމްދަނީއަށް އައި މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ %9.1 އިތުރުވެ، 26.70 ބިލިއަން ރުފިޔާއަށް އަރާފައެވެ. ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިން 9.32 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ %5.0 ގެ ކުރިއެރުމެކެވެ. މީގެ އިތުރުން ވިޔަފާރި އާއި މުދަލުން ނެގޭ ޓެކްސް %23.7 އިތުރުވެ 6.07 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީން 2.90 ބިލިއަން ރުފިޔާ، ޖީޖީއެސްޓީގެ ގޮތުގައި 4.63 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 1.88 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ އިތުރުވުމާއެކު މުދަލުން ލިބޭ އާމްދަނީ ވަނީ 2.27 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި 0.53 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދުތައް ވަނީ %16.2 އިތުރުވެ 38.99 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޚަރަދުގެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ޚަރަދެވެ. އެގޮތުން ރިކަރަންޓް ޚަރަދު %16.9 އިތުރުވެ 33.68 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 6.15 ބިލިއަން ރުފިޔާ އަދި އިދާރީ ހިންގުމަށް 20.28 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.

އެހީ އާއި ސަބްސިޑީއަށް ކުރި ހޭދަ %34.9 އިތުރުވެ 10.81 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ ތެރޭގައި ސަބްސިޑީއަށް 4.31 ބިލިއަން ރުފިޔާ އަދި އާސަންދައަށް 1.96 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ކައުންސިލްތަކުގެ ގްރާންޓަށް 2.08 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު ބިމާއި އިމާރާތް އަދި ފާލަމާއި ބަނދަރު ފަދަ އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް ކުރި ހޭދައާއެކު ޖުމްލަ 5.30 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އާމްދަނީއަށް ވުރެ ޚަރަދު އިތުރުވުމާ ގުޅިގެން، އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓް ޑެފިސިޓް ހުރީ 4.47 ބިލިއަން ރުފިޔާގައެވެ. އަދި ޕްރައިމަރީ ބެލެންސް ހުރީ 0.33 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.