ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކޮށް އެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

މިކަން ހާމަކޮށް ސެޓެލްކޯ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ބުނާގޮތުން، މި ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ޚިދުމަތާއި ހަވާލުވެ، ސްޓެލްކޯގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގައެވެ. ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ކަމަށާއި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ސަައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝަރުނީޒު ކަމަށްވެސް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

މީގެ ކުރިން ސްޓެލްކޯއިން ޚިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައެވެ. އަދި ފެނަކަ އުވާލަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމުގެ ކުރިން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތައްވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. މި ގެނެވުނު ބަދަލާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޚިދުމަތްތައް މިހާރު ވަނީ ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ގެނެވިފައެވެ.

މި ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ މިންގަނޑުތަކަށް ޚިދުމަތްތައް ފެއްތުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް، އަތޮޅުތަކުގެ އިންޖީނުގެތައް ހިންގާ ބެލެހެއްޓޭނެ އެންމެ އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލާ ތަންފީޒުކުރަން ވަނީ ފަށާފައެވެ. ފެނަކައިން ޚިދުމަތް ދެމުން އައި އަތޮޅުތަކުގެ ރަށްތައް ކުންފުނީގެ ދަށަށް ގެނައުމުގެ އަމަލީ މަސައްކަތުގައި ސްޓެލްކޯގެ ޖުމްލަ ހަތަރު ޓީމަކުން އަތޮޅުތަކުގައި ވަނީ ހަރަކާތްތެރިވެފައެވެ.