'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1 ގައި ތަރައްޤީ ކުރާ ހައުސިންގ ޔުނިޓްތަކުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ބީއެމްއެލްއިން މިކަން ހާމަކޮށް އެކްސް ގައި ކޮއްފައިވާ ޕޯސްޓެއްގައި ބުނާގޮތުން ތަރައްޤީ ކުރާ 364 ހައުސިންގ ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ. ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން މި މަސައްކަތް ކުރިޔަށް ގެންދަނީ އަމީން ކޮންސްޓްރަކްޝަނާއި ކޮންޓްރެކްޓްކޮށްގެންނެވެ.

ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރާ މި ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިމޭނެކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ. މާލޭގައި މިވަގުތު 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާކަމަށްވެސް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.

3 ކޮޓަރީގެ މި ހައުސިން ޔުނިޓްތަކަކީ، 900 އަކަފޫޓުގެ ތަންތަނެވެ. މި މަޝްރޫއު ވެގެންދާނީ ސަރުކާރެއްގެ 5 އަހަރުގެ ދައުރުގެ ތެރޭގައި މަޝްރޫއު ފަށައި، އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމައި، އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނެ ފުރަތަމަ ހައުންސިންގ މަޝްރޫއަށް ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫއުތަކެއް ކަމަށްވެސް ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.