ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަޝްރޫއުގެ ދަށުން، ހއ. ފިއްލަދޫގައި ފިޓްނަސް ސެންޓަރު އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ސާމާނު މި ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ އެ ރަށަށް ގެންގޮސްފައެވެ. އަދި މި މަޝްރޫއުގެ މަސައްކަތުގައި އުޅޭނެ މުވައްޒަފުންވެސް ވަނީ މި ހަފްތާތެރޭގައި އެރަށަށް ފޮނުވާފައެވެ. މި މުވައްޒަފުންގެ އެކޮމޮޑޭޝަނާއި ކެއުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ފިއްލަދޫ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް ގެނެވުނު ސާމާނު އެރަށަށް ބޭލުމުގެ މަސައްކަތުގެ ތެރެއިން

މިފަދަ ފިޓްނަސް ސެންޓަރުތައް ޤާއިމުކުރެވިގެން ދިއުމަކީ ރާއްޖޭގައި ދިރިއުޅޭ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު އުފަލެކެވެ. މިއީ ހަށިހެޔޮ ސިއްހަތަށް ލޯބިކުރާ ދިވެހި ރައްޔިތެއް ބިނާކުރުމުގެ ނިޔަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ މުހިންމު ހަރުފަތެކެވެ.

ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ މަސައްކަތުގައި މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާ ދެމެދު ސޮއި ކުރެވިފައި ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.