އަސްކަރީ ލީޑަރުންނަކީ "ޓުރޫޕްސް" އާއެކު ޢަމަލީގޮތުން ސަފުގެއެންމެ ކުރީގައިހުރެ ޙަރަކާތްތެރިވެ އެމީހުން ދާންވީ މަގު ދައްކައިދިނުމަށް ހުންނަ މާލިމީއެވެ. ބަދުރު ހަނގުރާމަ ހިނގާދިޔައިރު މުޅި ލަޝްކަރުގެ ކުރީ ސަފުގައިހުރެ ދާންވީ މަގު ދައްކައިދީ ދޭންޖެހޭ ހުރިހާ އިރުޝާދުތަކެއްދީ އަދި ހަނގުރާމައިގެ "އޯރޑާރސް" ދެއްވީ ސީދާ رسول الله صلى الله عليه وسلم އެވެ. އެހެންކަމުން رسول الله صلى الله عليه وسلم އަކީ، ބަދުރު ހަނގުރާމައިގެ އެންމެ އިސްކޮމާންޑަރު އަދި ލީޑަރުކަން އެނިގެންދެއެވެ. ހިތްވަރާއި ޖޯޝް ގެނުވައިދިނުން:(މޯޓިވޭޓްކުރުން) ރޫޙާނީގޮތުންނާއި މާއްދީގޮތުންހުރި ފައިދާތަކާއި މަންފާތައް ބުނެދީ، އެކަންކަމަށް ވާސިލުވުމަށް އިންސާނާއަށް ހިތްވަރުދިނުމަކީ، އިންސާނާގެ ޖޯޝް ނުވަތަ "މޮރާލް" އާއި "މޯޓިވޭޝަން" ރަނގަޅުވާނެ ކަމެކެވެ. އަދި ލަޝްކަރު ރުކުރުވާލުމުގެ ކުރިން رسول الله صلى الله عليه وسلم ފަތިސްނަމާދުގައި އިމާމުވެ ނަމާދު ކުރައްވައި، ލަޝްކަރަށް ހިތްވަރުދީ ވަރުގަދަ ޖޯޝެއް ގެނައުމުގެ ގޮތުން ޖިހާދުގެ މުހިންމު ކަމާއި އެ މައިދާނުގައިވާ ހަނގުރާމަވެރީންނަށް ލިބެން އޮތް ކާމިޔާބީތަކުން މިސާލު ދައްކަވައި، މުޅި ލަޝްކަރުގެ "މޮރާލް" ވަރުގަދަ ކޮށްދެއްވައި ޖޯޝް ގެނުވިއެވެ. އެހެންކަމުން ބަދުރު ހަނގުރާމާ ކުރައްވާފައިވަނީ، އެކަލޭގެފާނުގެ ލަޝްކަރު މޯޓިވޭޓްކޮށްގެންކަން ހާމަވެގެން ދެއެވެ. ޤާބިލުމީހުން ކަންކަމަށް އިސްކުރުން :އަސްކަރީ ޙަރަކާތް ތަކުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ސިފަ އިންނަކީ، އަސްކަރިއްޔާ އިން ހިން ގާ އޮޕަރޭޝަން ކާމިޔާބު ކުރުމުގައި ކޮންމެހެންވެސް މުހިންމު ކަމެކެވެ. އަސްކަރީ ޤާބިލު މީހުން ދެނެގަތުމަކީ، އެވަގުތެއްގައި ހުންނަ ކޮމާންޑަރަކު ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. މި ގޮތުން ބަދުރު ހަނގުރާމާގައި އެކަލޭގެފާނުގެ އަރިހުގައި ޚިޔާލާއި މަޝްވަރާ ދިނުމުގައި އަބޫބަކުރުގެފާނު ޢައްޔަނުކޮށްފައި ބެހެއްޓެވިއެވެ. އަދި ކުރިން ރޭވިފައިވާ ގޮތާ ޚިލާފަށް، މުޝްރިކުންގެ ލަޝްކަރާ ކުރިމަތިލުމަށް رسول الله صلى الله عليه وسلم އިޝާރާތް ކުރެއްވީ ޙަމްޒަތުގެފާނާއި ޢުބައިދަތުގެފާނާއި ޢަލީގެފާނެވެ. މިކަމުން އަންގައިދެނީ، ކިތަންމެ ކުޑަ ހިނދުކޮޅެއްގެ ރަސޫލުاللهގެފާނުގެ ލީޑަރޝިޕް ކަމެއް ނިންމި ނަމަވެސް އެ ނިންމުމެއްގެހުރި ފުރިހަމަކަމާއި އެފަދަ ކަންކަން ކުރުމަށް ޤާބިލްމީހުން އިސްކުރާކަމެވެ. އެހީތެރިކަން ފޯރުކޮށްދިނުން (ސަޕޯރޓްދިނުން) ދަށުން މަސައްކަތްކުރާ ސިފައިންގެ ޙާލަތު ރަނގަޅަށް ދެނެގަނެ އެމީހުން ނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިފައަކީ، އަސްކަރީ ލީޑަރުންގެ ކިބާގައި ހުންނަންޖެހޭ ސިފައަކަށްވާއިރު، رسول الله صلى الله عليه وسلم ކިބަ އިން ބަދުރު ހަނގުރާމާގައި މިސިފަ ފެނިގެން ދިޔައެވެ. މިގޮތުން ޢަލީގެފާނަށް ހަތިޔާރުގެ ބޭނުންޖެހުނު ހިނދު رسول الله صلى الله عليه وسلم ކަނޑިކޮޅު ޛުލްފިޤާރު ޢަލީގެފާނަށް ދެއްވިކަމަށާއި، އެކަމުގެ ސަބަބުން ޢަލީގެފާނަށް އައުޖޯޝެއް ގެނުވައިދީ، އެކަލޭގެފާނުގެ ކަނޑިކޮޅު ވެގެންދިޔައީ ދުޝްމިނުންނަށް ރެކި ނުގަނެވޭފަދަ އާފާތެއްކަމުގައެވެ. އެހެންކަމުން އަސްކަރީ ލީޑަރު އޭނާގެ ދަށުން މަސައްކަތްކުރާ ސިފައިންނަށް އެހީތެރިކަމެއް ވެދީފިނަމަ، އެކަމުގެ ސަބަބުން އެމީހުންނަށް އާހިތްވަރެއް ލިބިގެންދާކަން ހާމަވެއެވެ. އަގުވަޒަންކުރުން: (އެޕްރިޝިއޭޓްކުރުން) ޖިހާދުގެ މައިދާނުން ނަޞްރާއި ކާމިޔާބު ހޯދުމަށްޓަކައި، ގަދައަޅާ މަސައްކަތްކުރާ ސިފައިންގެ އިތުރުން ޖާނާއި މާލުން ޢަސްކަރިއްޔާ އަށްޓަކައި ޤުރުބާންވުމަށް އެދިގެން އަންނަ ޢާންމު ރައްޔިތުންގެ އަގުވަޒަންކުރުމަކީ އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނައުމުގެ އިތުރުން އެމަގަށް ވާސިލުވުމަށްޓަކައި އެހެން މީހުންނަށްދެވޭ ހިތްވަރެކެވެ. ބަދުރު ހަނގުރާމައިގައި ޢަލީގެފާނުގެ ޢަސްކަރީ ވިސްނުންފުޅާއި، ދެއްކެވި ހިތްވަރުފުޅާއި ބުންވަރުގެ އަގުވަޒަންކޮށް ޢަލީގެފާނަށް ހައިދަރު ކައްރާރުގެ މަތިވެރި ލަޤަބު ދެއްވައި رسول الله صلى الله عليه وسلم ކަނޑިކޮޅު ޢަލީގެފާނަށް އެކޮށް ހިބައިން ދީފައިވާކަމާއި، މީގެ އިތުރުން ބަދުރު ހަނގުރާމާގައި ބައިވެރިވެ ޝަހީދުވުމަށް މަދީނާގެ އަންޞާރިއްޔަ ބޭކަނބަލެއް ކަމުގައިވާ އުއްމު ވަރަޤާ ރަޟިޔަالله ޢަންހާ رسول الله صلى الله عليه وسلم ކިބައި އެދިވަޑައިގަތުމުން، އެކަމަނާ ގޭގައި އިންނެވުމަށާއި، الله ތަޢާލާ އެ ކަމަނާއަށް ޝަހީދުވުމުގެ ރަޙްމަތްލައްވާނެ ކަމުގައި ޙަދީޘް ކުރެއްވި ކަމާއި، މިޙާދިޘާއަށްފަހު އެކަމަނާއަށް މުޚާތަބު ކުރަމުންދިޔައީ ޝަހީދެއްގެ ލަޤަބުންނެވެ. މިކަމުން އަންގުވައިދެނީ އިޚްލާޞްތެރިންގެ އަގުވަޒަންކުރުމަކީ رسول الله صلى الله عليه وسلم ލީޑަރޝިޕްގެ ސިފަފުޅެއް ކަމުގައެވެ. ޢަޒުމްވަރުގަދަވުން: (އެމްބިޝިއަސްހުރުން) ޢަސްކަރީ ލީޑަރުންނަކީ، ދިމާވާ ޙާލަތްތަކުގައި އެއްވެސް ބިރެއްނެތި ނުރައްކަ ލަށް ހުށަހެޅިގެން ކާމިޔާބީއަށް ވާސިލުވުމަށް މަސައްކަތް ކުރުމުގެ ހިތްވަރު ހުންނަންޖެހޭ ބައެއް ކަމުގައިވާންޖެހެވެ. ބަދުރު ހަނގުރާމާގައި އަސްކަރީ ލީޑަރެއްގެ ޙައިޞިއްޔަތުން رسول الله صلى الله عليه وسلم ދެއްކެވީ އެކަލޭގެފާނަކީ، ނުގުޑާނެ ޢަޒުމެއްގެ ލީޑަރެއް ކަމުގައެވެ. އަދި ބަދުރު ހަނގުރާމައިގައި މުސްރިކުންގެ ލަޝްކަރާ އަޅާބަލާއިރު، މުސްލިމުންގެ ޢަދަދު މަދުކަމާއި، ހަނގުރާމައިގައި ބޭނުންކުރަން ހުރި ވަސީލަތްތަކާއި، އެފަދަ ވަސީލަތްތައް ހޯދުމުގެ ޤާބިލުކަމެއް ނެތްކަމެވެ. އެންމެ 313 ހަނގުރާމަވެރިން ކަމަށާއި، ސަވާރީގޮތުގައި ބޭނުންކުރަން އޮތީ އެންމެ 2 އަހަކާއި، 70 ޖަމަލު ކަމަށެވެ. މީގެއިތުރުން ހަނގުރާމަވެރިންތިބީ ބަނޑުހައި ހޫނުކަމުގެސަބަބުން ވަރަށްޟަޢީފު ޙާލަތެއްގައިކަމަށެވެ. ކަންމިހެންހުރިއިރު މާތްاللهގެ ކިބައިން ނަސްރުލިބޭނެކަމުގެ އުއްމީދުގައި ފަސްޖެހުމެއްނެތި ހިތްވަރާއި ޢަޒުމާއެކު ހަނގުރާމަ ކާމިޔާބު ކުރުމުން އަންގައިދެނީ رسول الله صلى الله عليه وسلم އަކީ، ޢަޒުމްވަރުގަދަ އަސްކަރީ ލީޑަރެއް ކަމުގައެވެ. ސްޕަވައިޒުކުރުމާއި، އިޞްލާޙުކުރުން: މުޅި ލަޝްކަރާއި، އަދި ވަކިވަކި ސަފުތަކުގެ ބަދަހިކަން ދަމަހައްޓައި، އަދި އިޞްލާޙު ކުރަންޖެހޭ ކަންކަން އަމިއްލަފުޅަށް ބަލައި ހޯދައި އިޞްލާހުކުރުމަކީ އަމާޒަށް ވާސިލުވުމުގެ ދަތުރުފެށުމުގެ ކުރިން ކޮންމެހެންވެސް ކުރަންޖެހޭނެ ކަންކަމެވެ. ހަނގުރާމައިގެ ސަފުތައް ތަރުތީބު ކުރަމުންދިޔައިރު، ކުޑަކުދިން ތިބިމުން އެކުދިން އަނބުރާ މަދީނާއަށް ފޮނުވާލެއްވި ކަމަށާއި، އަދި ލަޝްކަރުގެ ސަފުތަކުގެ ޙަރަކާތްތައް އަމިއްލަފުޅަށް ބައްލަވަމުން ގޮސްފައިވާ ކަމަށެވެ. މިކަމުން އަންގައިދެނީ رسول الله صلى الله عليه وسلم އަކީ، ކަންކަން އިޞްލާހު ކޮށް ޞުލްޙަ ކުރުމަށް އިސްކަންދެއްވާ އަސްކަރީ ލީޑަރެއް ކަމުގައެވެ. ހިތްވަރު ދިނުން: އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ މީހުން ނަށް ހިތްވަރުދިނުމަކީ، ލީޑަރުންގެ ސިފައެއް ކަމުގައިވާއިރު، ބަދުރު ހަނގުރާމާގައި ކަށިން ހިތްވަރުނެރި މަސައްކަތްކުރާ ހަނގުރާމަވެރިންނަށް ދިޔައީ ހިތްވަރުދެމުންނެވެ. އަދި ހަނގުރާމަ ފެށުމުގެ ކުރިން ޢުމަރުބުނުލް އަބީ ވައްޤާޞް ބަލިފުޅު އިރުވެސް ކޮރުއްވައި، ހަނގުރާމަ ކުރުމުގެ ރޫޙުގައި ގަދަކަމުން ހިތްވަރު ދައްކަވައި އެހެންމީހުންނާ އެއްވަރަށް މަސައްކަތް ކުރައްވާތަން رسول الله صلى الله عليه وسلم އަށް ފެނިވަޑައިގަތުމުން އޭނާއަށް ހިތްވަރު ދެއްވައި ހަނގުރާމާ ކުރުމަށް رسول الله صلى الله عليه وسلم ހިތްވަރު ދެއްވި ކަމުގައެވެ. މިކަމުން ލިބޭ އެންމެބޮޑު ފިލާވަޅަކީ އަދި އެމީހުންގެ ހިތްވަރުގަދަކަމަށްޓަކައި ހިތްވަރުދިނުމަކީ އެމީހުންގެ މަތިން ތިބޭ ލީޑަރުން ކުރައްވަންޖެހޭ ކަމެއް ކަމުގައެވެ. ދުރަށް ވިސްނުން (ފޯވާރޑްލުކިން) ނިންމާ ކޮންމެ ނިންމުމަކީ، ހަރުދަނާކަމާއެކު ދުރަށް ވިސްނުމަށްފަހު ނިންމާ ނިންމުމެއް ކަމުގައި ނުވާނަމަ ޙަޤީޤީ އަމާޒަށް ވާސިލުވެ އަސްކަރީ މިޝަން ޙާސިލުވުމަކީ ނާދިރުކަމެކެވެ. ބަދުރު ހަނގުރާމާގައި، މުސްލިމުންގެ ލަޝްކަރު ޤާއިމްކުރި އަސްކަރީ ބޭސްއަކީ އެވަގުތަށް ލިބެން އޮތް އެންމެ ރަނގަޅު ސަރަޙައްދެވެ. މުސްލިމުންގެ ލަޝްކަރު މަޑުކުރި ސަރަޙައްދަކީ ފަސޭހަކަމާއެކު ފެން ލިބެން އޮތް އަދި ބިން ގަނޑު އެންމެ ރަނގަޅު ސަރަޙައްދު ކަމުގައެވެ. އަދި މިގޮތަށް ނިންމާފައިވަނީ ލަޝްކަރުގެ ތެރެއިން ހަނގުރާމަވެރިއަކު ދީފައިވާ ލަފާގެމަތިން ކަމުގައެވެ. މިކަމުން އެނގިގެންދަނީ، އަސްކަރީ ގޮތުން ނިންމާ ކޮންމެ ނިންމުމެއް رسول الله صلى الله عليه وسلم ނިންމަނީ ދުރަށް ވިސްނުމަށްފަހު ކަމުގައެވެ. މަޝްވަރާ ކުރެއްވުމާއި، ރަނގަޅުޚިޔާލުތައް ޤަބޫލުފުޅުކުރެއްވުން: ބަދުރު ހަނގުރާމަ ފެށުނީއްސުރެ ނިމެންދެން ހަނގުރާމަވެރިންގެ ފަރާތުން އަންނަމުންދިޔަ ރަނގަޅު ޚިޔާލުތައް رسول الله صلى الله عليه وسلم ދިޔައީ ޤަބޫލުފުޅު ކުރައްވަމުންނެވެ. މިގޮތުން ބަދުރު ހަނގުރާމައަށް ނުކުތުމާމެދުވެސް އެކަލޭގެފާނުގެ ޞަހާބީންގެ ކިބައިން ޚިޔާލާއި މަޝްވަރާ ހޯދައި އެމީހުންގެ ވިސްނުންހުރި ގޮތެއް ބެއްލެވިއެވެ. އަދި ލަޝްކަރު މަޑުކުރާނެ ތަނަކާމެދުވެސް ވަނީ މަޝްވަރާ ކޮށްފައެވެ. ހަނގުރާމައިގެ ލަޝްކަރުގެ ބޭސް ޤާއިމްކުރުމަށް އިޚްތިޔާރުކުރި ބިމަކީ، ހަނގުރާމަވެރިންގެ ތެރެއިން ދެއްވި ޚިޔާލެއް ކަމުގައެވެ. އަދި ބަދުރު ހަނގުރާމަ ކުރިއަށްދާއިރު رسول الله صلى الله عليه وسلم އަށް ޚާއްޞަ ފޭލިގެއެއް ޖެއްސެވުމުގެ ޚިޔާލު އަބޫބަކުރުގެފާނު ދެއްވުމުން އެގޮތަށް ޢަމަލުކުރެއްވިއެވެ. މިޒަމާނުގައި ހިންގާ އަސްކަރީ ޙަރަކާތް ތަކުގައި ބޭނުންކުރާ މިފަދަ ތަންތަނަށް ކިޔަނީ "ކޮމާންޑް ޕޯސްޓް ނުވަތަ ކޮމާންޑް ސެންޓަރު" ކަމުގައިވުމުން އެފޭލިގެއަކީ ބަދުރު ހަނގުރާމައިގެ ކަންކަން އިންތިޒާމްކޮށް ތަރުތީބު ކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ތަނެއްކަމުގައި ޤަބޫލުކުރެވެއެވެ. އަދި ބަދުރު ހަނގުރާމާގައި މުސްލިމުންގެ އަތްދަށުވި އަސީރުންގެ އަތުން ފިދްޔަ ނެގުމަށްފަހު ދޫކޮށްލުމަށް ގިނަ ޞަހާބީން ދެއްވި ޚިޔާލާ އެއްގޮތަށް ޢަމަލުކުރެއްވިއެވެ. މިކަންކަމުން އެނގިގެންދަނީ މަޝްވަރާއި ކުރުމާއި، މަޝްވަރާ ޤަބޫލުކުރުމަކީ، ބަދުރު ހަނގުރާމައިން ފެނިގެންދިޔަ އެކަލޭގެފާނުގެ ލީޑަރޝިޕް ސިފަފުޅެއް ކަމުގައެވެ. ޤުރުބާނީވުން: (ސެކްރިފައިސްވުން) އަސްކަރީ ލީޑަރުންނަކީ، އެމީހުންނާ މަތިކުރެވިފައިވާ މިޝަން ކާމިޔާބުކޮށް އަމާޒަށް ވާސިލުވުމަށްޓަކައި، އެތަކެއް ޤުރުބާނީއެއް ވަމުންދާ ބައެކެވެ. މިގޮތުން ބަދުރު ހަނގުރާމަ ކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ކުރީރޭ މުޅި ލަޝްކަރު ނިންދެވުމަށްފަހު رسول الله صلى الله عليه وسلم ހުންނެވީ ލަޝްކަރުގެ ފާރައަށް ކަމަށާއި މާތް اللهގެ ޙަޟުރަތުގައި ދުޢާ ދެންނެވުމަށެވެ. އަދި އަސްކަރީ ނަޒަރިއްޔާތުން ވިސްނާއިރު، އެގޮތަށް ރޭގަނޑުގެ އަރާމުނިދި މަހުރޫމު ކުރުމަށްފަހު ދަންވަރުގެ ހަމަހިމޭންކަމުގެ ތެރެއިން ހަނގުރާމައިގެ ރޭވުންތައް ރާވައި ހަނގުރާމައިގެ އުކުޅާއި ފަންނާމެދު ވިސްނާފިކުރުކުރުން ހިމެނެއެވެ. ހަމައެހެންމެ ރޭގަނޑުގެ ނިދިން މަހުރޫމުވެހުރެ، ދުވާލު ހަނގުރާމަ ކުރަންޖެހުމުގެ ސަބަބުން ދުވާލުގެ ވަގުތުގައި އެކަލޭގެފާނުގެ ލޯފުޅުމެރި އަވަހާރަފުޅުގެ އަޞަރުތައް ފެނިގެން ދިޔަނަމަވެސް ހިތްވަރަކަށް އެއްވެސް ބަދަލެއް ނާންނަކަމާއި، އެހެންކަމުން އެކަލޭގެފާނުގެ ހިތްވަރުފުޅު ގަދަކަން ކުރިއަށްނެރުއްވައި ހޭލައި ހުންނަވައި ހަނގުރާމަފުޅު ކުރައްވައި ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ނަޞްރު ލިބުމުން އަންގައިދެނީ رسول الله صلى الله عليه وسلم އަކީ، ޤުރުބާނީވުމުގެ މަތިވެރިސިފަ ލިބިފައިވާ އަސްކަރީ ލީޑަރެއް ކަމުގައެވެ.